ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް: ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަށް މިރޭ

ލ. ގަމު ތުނޑީ ޒުވާނުން އިސްނަގައިގެން މިހާރު ކުރިޔައް ގެންދާ “ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020”ގެ ގްރޫޕް ސްޓޭޖުގެ ފަުމެޗުތަކުގެ ކުޅުން މިރޭ ނިމުމަކަށް އަންނާނެއެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި...

21 Oct 2020 | 07:41

ލ. ގަމު ތުނޑީ ޒުވާނުން އިސްނަގައިގެން މިހާރު ކުރިޔައް ގެންދާ “ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020”ގެ ގްރޫޕް ސްޓޭޖުގެ ފަުމެޗުތަކުގެ ކުޅުން މިރޭ ނިމުމަކަށް އަންނާނެއެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިހާރު ނުކުޅެ ބާކީ އޮތީ ދެމެޗެވެ. އެއީ ގްރޫޕް އޭގެ ގޯޅި ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް ކިލާ ބައްދަލުކުރާ މެޗާއި ގްރޫޕް ބީގެ ރޯޔަސް އެފްސީ އާއި ސުޕަސްޓާރ ބައްދަލުކުރާމެޗެވެ.

މި މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށް ބަލާއިރު، ގްރޫޕް ބީގައި ހިމެނޭ ދެޓީމު ކަމަށްވާ ކަންމަތި ސްޕޯޓްސް ކުލަބާއި ސުޕަސްޓާރ ބައްދަލުކުރި މެޗު 4-20 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ކަންމަތި ސްޕޯޓްސް ކުލަބެވެ. ރޭގެ މި މެޗާއި އެކު ގްރޫޕް ސްޓޭޖުގައި ކަންމަތި ސްޕޯޓްސް ކުލަބުން ކުޅެން ޖެހޭ ހުރިހާ މެޗެއް ކުޅެ ނިމުނީއެވެ. ނަމަވެސް ސުޕަސްޓާރ އަށް އަދި މިރޭ ރޯޔަސް އެފްސީ އާއި ދެކޮޅަށް ކުޅެން ޖެހޭ މެޗު އެބައޮތެވެ. ރޭގެ މި މޮޅާއި އެކު ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެން 12 ޕޮއިންޓާއި އެކު މުބާރާތުގެ ކުއާޓާފައިނަލަށް ކަންމަތި ސްޕޯޓްސް ކުލަބް ވަނީ ދަތުރުކޮށްފައެވެ.

ގްރޫޕް ބީ ގައި ރޭ ކުޅުނު ގޯޅި ޖޭއާރު އަދި ޑީކޭއެންޒެޑް މެޗަށް ބަލާއިރު، މި މެޗު ވެސް 7-12 ގެ ނަތީޖާއަކުން ގޯޅި ޖޭއާރު ވަނީ މޮޅުވެފައެވެ. ރޭގެ މި މެޗާއި އެކު ގޯޅި ޖޭއާރު ވެސް އަދި ޑީކޭއެންޒެޑް ވެސް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭ ހުރިހާ މެޗެއްވެސް ކުޅެ ނިމިފައެވެ. އެގޮތުން ރޭގެ މޮޅާއި އެކު ގޯޅި ޖޭއާރު ވަނީ ކުޅުނު ތިން މެޗުން މޮޅުވެ 9 ޕޮއިންޓާއި އެކު މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ.

ގްރޫޕް ބީގެ މިހާރުގެ ހާލަތަށް ބަލާއިރު، މިހާތަނަށް މުބާރާތުގެ ކުއާޓާ ފައިނަލް ކަށަވަރުވެފައި ވަނީ ދެޓީމަކަށެވެ. އެއީ ކަންމަތީ ސްޕޯޓްސް ކުލަބާއި ގޯޅި ޖޭއާރު އަށެވެ. ބާކީ ގްރޫޕުގައި އޮން ތިން ޓީމަށް ބަލާއިރު، މިރޭގެ މެޗުން މޮޅުވެގެން ސުޕަސްޓާރ އަށް ކުޢާޓާފައިނަލް ޔަގީން ކުރުމުގެ ފުރުސަތު އެބައޮތެވެ. އަދި ރޯޔަލް އެފްސީއަށް ވެސް މިރޭގެ މެޗު ރަނގަޅު ނަތީޖާއަކުން ކާމިޔާބު ކޮށްގެން ކުއާޓާ ފައިނަލުން ޖާގައެއް ލިބުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް މިރޭގެ މެޗުން ރޯޔަލް އެފްސީ ބަލިވެއްޖެ ނަމަ އެ ފުރުރުސަތު ޑީކޭއެންޒެޑް އަށް ލިބިގެން ދާނެއެވެ.

ރޭގައި ކުޅުނު ގްރޫޕް އޭގެ މެޗުތަކަށް ބަލާއިރު، އައުޓްރީފް ސްޕޯޓްސް ކުލަބް ވަނީ ޑީޑީއެފް ދެ ގެނެރޭޝަން އަތުން 1-3 އިން ބަލިވެފައެވެ. ރޭގެ މި މެޗާއި އެކު މި ދެޓީމަށް ވެސް ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭ ހުރިހާ މެޗެއްވެސް ކުޅެ ނިމިފައެވެ. މި މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތްނަމަވެސް މި ދެޓީމަށް ވަނީ މުބާރާތުގެ ކުއާޓާފައިނަލް ޔަގީންވެފައެވެ. ރޭގެ މެޗުން އައުޓްރީފް އަތުން މޮޅުވި ޑީޑީއެފް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބު ކޮށް 12 ޕޮއިންޓާއި އެކުގައެވެ. އަދި މި ގްރޫޕުގައި ހިމެނޭ އައުޓްރީފް އާއި ގޯޅި ސްޕޯޓްސް ކުލަބު ކުރެން ކޮންމެ ޓީމަކަށް ވެސް ވަނީ 6 ޕޮއިންޓް ލިބިފައެވެ. ނަމަވެސް ގޯޅި ސްޕޯޓްސް ކުލަބަށް މިރޭ ޔުނައިޓެޑް ކިލާ އާއި ދެކޮޅަށް ކުޅެންޖެހޭ މެޗު އެބައޮތެވެ. އެހެން ކަމުން މިރޭގެ މެޗުން މޮޅުވެގެން ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ކުޢާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު ގޯޅި ސްޕޯޓްސް ކުލަބަށް އޮންނާނެއެވެ.

އަދި މިރޭގެ ނަތީޖާތަކަށް ވާގޮތަކުން މި ގުރޫޕުގެ ބާކީ އޮތް ދެޓީމަށް ވެސް މުބާރާތުގެ ކުއާޓާ އަށް ދަތުރު ކުރުމުގެ ފުރުސަތު އަދި އެބައޮތެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލްއިން ފުރުސަތު ލިބޭނެ ޓީމުތަކާއި ފުރުސަތު ނުލިބޭނެ ތީމުތައް މިރޭ ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު ދެމެޗަށް ފަހު ކަށަވަރުވެގެންދާނެއެވެ.

ގޯޅި ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް ކިލާ ބައްދަލުކުރާ މެޗު ފެށޭނީ މިރޭ 20:30 ގައެވެ. މިއީ ގްރޫޕް އޭގެ މެޗެކެވެ.

ރޯޔަލް އެފްސީއާއި ސުޕަސްޓާރ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 21:30 ގައެވެ. މިއީ ގްރޫޕް ބީގެ މެޗެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް