އަމީން ސިޔާސީގޮތުން ކަތިލުން – ފައްޔާޒު ގުރުބާން ކުރުމުގެ ޓެސްޓް ބުރު

ފުޅާ ކޯލިޝަނަކުން ވެރިކަމަށް ވަޑައިގެންނެވި އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ވަޒީރުންގެ ތެރެއިން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން މި ވަނީ އިސްތިއުފާ ދެއްވާފައެވެ. އެމްޑީޕީގެ މަދު އެހެނަސް ނުފޫ...

21 Oct 2020 | 07:23

ފުޅާ ކޯލިޝަނަކުން ވެރިކަމަށް ވަޑައިގެންނެވި އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ވަޒީރުންގެ ތެރެއިން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން މި ވަނީ އިސްތިއުފާ ދެއްވާފައެވެ. އެމްޑީޕީގެ މަދު އެހެނަސް ނުފޫޒު ގަދަ މެމްބަރުންގެ ޕްރެޝަރާހެދިއެވެ. މިއީ މިގޮތަށް އިސްތިއުފާދޭން މަޖުބޫރު ކުރުވި ދެވަނަ ވަޒީރެވެ. ކުރީގެ ޖެންޑަރ މިނިސްޓަރ ސިދާތާ ޝަރީފަށް ވެސް ޖެހުނީ މިހާލެވެ.

ސިޔާސީގޮތުން މިކަންކަމާއި ނަޒަރު ހިންގާއިރު މި ފެންނަ މަންޒަރު ވަރަށް ސާފެވެ. މި އުޅެނީ އަމީންގެ ނުވަތަ ސިދާތާގެ ނުވަތަ މަލީހުގެ މައްސަލައެއް ވެސް ނޫނެވެ. މިއީ ސީދާ ރައީސް ނަޝީދާއި ރައީސް ސާލިހު ބާރާއި ނުފޫޒް ދެމެހެއްޓުމަށްޓަކައި ކުރާ ހަނގުރާމައިގެ ބޮޅުތެކެވެ. ފެންނާންއޮތް ހަގީގަތަކީ ރައީސް ނަޝީދާއި ރައީސް ސާލިހާއި ދެމެދު 'ހިތްހަމަނެޖެހުންތައް' ހުރިކަމެވެ. ފުރަތަމަކޮޅުގައި ސިއްރުކުރަން އުޅުނަސް ފަހުން އެކަން މީޑިއާ އަށް އަދި އާންމު ރައްޔިތުމީހާ އަށް ފެންނަ ހިސާބަށް ތިލަވިއެވެ. މި މަންޒަރު އެންމެ ބޮޑަށް ސާފުވެގެން ދިޔައީ މިނިސްޓަރ ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލާގައެވެ. ރައީސް ނަޝީދު ފާޅުގައި އިތުބާރުނެތްކަމުގެ ވޯޓް ނަގަން މަސައްކަތް ކުރެއްވި އިރު ރައީސް ސާލިހު ވަނީ މިނިސްޓަރު ފައްޔާޒް ދިފާއުކުރަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ދެން މިކަންތައްތަކާއި އަމީންގެ ވޯޓާއި ގުޅެނީ ކިހިނެއްތޯ ބަލަމާ ހިނގާށެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕްގައި އަމީން އަށް އިތުބާރު އޮތްތޯ ބެލުމަށް ނެގި ވޯޓްގައި ސާފުވެގެންދިޔައީ ޕީޖީ ގްރޫޕްގެ މެޖޯރިޓީ އަމީނަށް އިތުބާރު ކުރާކަމަށެވެ. ޕީޖީ ގްރޫޕްގެ 31 މެމްބަރަކު އަމީނަށް އިތުބާރުއޮތް ކަމަށް ވޯޓް ދެއްވިއެވެ. އަދި އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން 27 މެމްބަރަކު ވޯޓް ދިނެވެ. އެމްޑީޕީ އަކީ ނަމުން ވެސް މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީއެވެ. ޑިމޮކްރަސީގެ އެންމެ މައިގަނޑު އެއް އަސާސްއަކީ މެޖޯރިޓީ އަށް ތަބާވުމެވެ. އެހެނަސް ކަންތައްވީ އެހެންނެއް ނޫނެވެ. ރައީސް ނަޝީދު ފެކްޝަނުގެ ބޭފުޅުން ބޭނުންވީ އަމީނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާށެވެ. ތިމާމެންގެ ޕާޓީގެ ޕީޖީ ގްރޫޕްގެ މެޖޯރިޓީ ވިސްނުމާއި ޚިލާފަށެވެ. ހަގީގަތުގައި ދައްކައިދޭ މި އުޅެނީ ފައްޔާޒުގެ މައްސަލައަށް ވާނޭ ގޮތެވެ. ފައްޔާޒަށް ދޭން ބޭނުންވާ ފިލާވަޅަކީ ޕީޖީ ގްރޫޕްގެ މެޖޯރިޓީ ނުލިބުނަސް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެކަމެވެ.

އެހެނަސް ސުވާލަކީ އަމީން ހެއްދެވިގޮތަށް ފައްޔާޒް އިސްތިއުފާދެއްވަފާނެ ތޯއެވެ. ނޫނެވެ. ފައްޔާޒް ވަނީ ވަރަށް ސާފުކޮށް ވިދާޅުވެފައެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވާނީ ރައީސް ސާލިހު އެންގެވުމުންކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދުގެ ހަމަތަކާއި އުސޫލުތަކަށް ބަލާއިރު އެމަނިކުފާނަކީ އެމަނިކުފާނަށް ފައިދާވާނަމަ ޑިމޮކްރަސީ އަށް ތާއީދު ކުރައްވާނެއެވެ. މެޖޯރިޓީ އަށް ތަބާވާނެއެވެ. އެހެނަސް އެމަނިކުފާނަށް ހަޖަމު ނުކުރެވޭ ކަމެއްނަމަ މެޖޯރިޓީއަށް ތަބާނުވާނެއެވެ. އެހެންކަމުން ފައްޔާޒުގެ މައްސަލަ އަދިވެސް އެމަނުކުފާނު ކުރިއަށް ގެންދާނެއެވެ. މިހާރު މި ކުރެއްވި ކަމަކީ ބަލިކަށި މިނިސްޓަރަކު ގުރުބާން ކުރެއްވީއެވެ. ދެން އޮންނާނީ ފައްޔާޒާ ދެކޮޅަށް ސީދާ ގަދަ ހިފުމަކަށް ދިއުމެވެ. ފައްކާ ޝޯއަކަށް ވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް