މޯލްޑިވްސް ކަރެކްޝަން ސާވިސް (އެމްސީއެސް)ގެ ބެލުމުގެ ދަށުގައި ހުރި ޖަލުތަކުގެ ޖާގައަށްވުރެ އިތުރަށ ް30 ޕަސަންޓް މީހުން މިހާރު ވެސް އެ ޖަލުތަކުގައި އެބަތިބި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ނޭކުރެންދޫ ޖަލުގެ ފުރަތަމަ ފޭސް ކުރިއަށްގެން ދިއުމަށް މިއަހަރު ހަމަޖެހިފައިވާތީ، އެ މަސައްކަތް ފެށޭނެ ތާރީހެއް ސާފުކުރަން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ހުށަހެޅުއްވި ސުވާލަށް ޖަވާބު ދެއްވަން އިމްރާން ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ ހާޒިރުވެވަޑައިގެންފަ އެވެ.
އިތުރު ސުވާލުކުރަން ލިބުނު ފުރުސަތުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ މިހާރު ކޯޓުގައި ހުރި ޖިނާއީ މައްސަލަތަކުގައި ހުކުމް އިއްވައިފި ނަމަ ޖަލުތަކަށް ނުތަކާ ވަރަށް މީހުން އިތުރުވާނެ ކަމާއި ގައިދީން ބަލަހައްޓަން ބޮޑު ހަރަދެއް ކުރަން ޖެހޭނެ ކަން ފާހަގަ ކުރައްވައިފަ އެވެ.
ނަމަވެސް ޖަލަށް ލުން ފިޔަވާ މުޖުތަމައު އަށް ޚިދުމަތް ކުރުމާއި ޕްރޮބޭޝަން ފަދަ އަދަބުތައް ފަނޑިޔާރުންނަށް ނުދެވެނީ އެކަންކަން ތަންފީޒު ކުރެވޭނެ އުސޫލެއް ނެތުމުން ކަމަށް އިމްތިޔާޒް ވިދަޅުވިއެވެ. އެ ގައިޑްލައިންތައް ހެދުމަށް މިނިސްޓްރީން ކުރާ މަސައްކަތަކީ ކޮބައިތޯ ބުނެ، އޭނާ ސުވާލުކުރި އެވެ.
ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، ގައިދީން ބެލެހެއްޓުމުގެ ކަންތައް ރާވަން ޖެހޭނީ އެންމެން އެކުވެގެން ކަމަށެވެ. އަދި މިހާރު ވެސް ޖަލުގައި 1700 ގައިދީން ތިބިއިރު ކަރެކްޝަން ސާވިސްގެ ޖާގައަކީ 1360 ކަމަށެވެ. އެހެންކަމުން މިހާރު ވެސް ކަރެކްޝަނުން ދަނީ އެކަށީގެންވާ ވަރަށް ވުރެ 30 އިންސައްތަ އިތުރަށް ގައިދީން ބަލަހައްޓަމުން ކަމަށާއި އިތުރު 400 އެއްހާ މީހުންނަށް ހުކުމް ކުރިއަސް ކަރެކްޝަނަލް ސަވިސްއިން އެ ގައިދީން ބަލަހައްޓާނެ ގޮތެއް ނުހުންނާނެ ކަމަށް އިމްރާން ވިދާޅުވި އެވެ
ޖަލު ނޫން ގޮތެއް ގައިދީންނަށް މިހާރު ވެސް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިމްރާން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެކަން އެއްކޮށް ނިންމާލެވޭނެ ދުވަހެއް ބުނުމުގެ ބަދަލުގައި އިމްރާން ވިދާޅުވީ، އަންނަ އަހަރުގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް