ހަފްތާއެއް ތެރޭގައި މާފުއްޓަށް 100 އަށްވުރެ ގިނަ ޓޫރިސްޓުން!

ކޯވިޑް-19 އާއި ގުޅިގެން ހުއްޓާލާފައި އޮތް ލޯކަލް ޓޫރިޒަމަށް އަތޮޅުތެރޭގެ ރަށްތަށް ހުޅުވާލިތާ ހަފްތާއެއް ތެރޭގައި ކ. މާފުށީ ގެސްޓު ހައުސްތަކަށް 100 އަށްވުރެ ގިނަ ޓޫރިސްޓުން ގޮސްފި އެވެ. ކޯވިޑާއި ގުޅިގެ...

21 Oct 2020 | 07:01

ކޯވިޑް-19 އާއި ގުޅިގެން ހުއްޓާލާފައި އޮތް ލޯކަލް ޓޫރިޒަމަށް އަތޮޅުތެރޭގެ ރަށްތަށް ހުޅުވާލިތާ ހަފްތާއެއް ތެރޭގައި ކ. މާފުށީ ގެސްޓު ހައުސްތަކަށް 100 އަށްވުރެ ގިނަ ޓޫރިސްޓުން ގޮސްފި އެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގެ ގެސްޓު ހައުސްތައް ބަންދު ކުރަން އެޗްޕީއޭއިން އެންގީ މިދިޔަ މާޗްމަހުގެ ފަހުކޮޅު އެވެ. އޭގެ ހަތް މަސް ފަހުން އަތޮޅު ތެރޭގެ ރަށްރަށުގައި ހިންގާ ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ ދިނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ވިދާޅުވީ ގެސްޓު ހައުސްތަކަށް ޓޫރިސްޓުން ގެނައުމަށް ހުޅުވާލުމާއި އެކު ހަ ދުވަސް ތެރޭގައި 102 ޓޫރިސްޓުން އެރަށަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އުސްމާން ވިދާޅުވީ މާފުއްޓަށް ހަގީގީ އުފާވެރިކަން ލިބޭނީ ގިނަ ޓޫޜިސްޓުން ޒިޔާރަތް ކުރަން ފެށުމުން ކަމަށެވެ.

މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓު ހައުސް ވިޔަފާރި ހިންގާ ރަށެވެ. މާފުށީގައި ހިންގާ ހުރިހާ ވިޔަފާރިއެއް ގެސްޓު ހައުސް ވިޔަފާރިއާއި ޓޫރިޒަމް ދާއިރާ އާއި ވަނީ ގުޅިފަ އެވެ.

މިވަގުތު ރާއްޖޭގައި ހުރި އެންމެ ބޮޑު ގެސްޓު ހައުސްވެސް ހުރީ އެ ރަށުގައި އެވެ. "ކާނި ޕާމް ބީޗް" ނަން ދީފައިވާ މި ގެސްޓު ހައުސްގައި ޖުމުލަ 250 އެނދު ހުރެ އެވެ.

ކޯވިޑް-19 އާއި ގުޅިގެން ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ ދީފައިވަނީ ވަކި ގަވައިދުުތަކަކަށް އަމަލު ކުރަން ޖެހޭ ގޮތަށެވެ.

އެގޮތުން އާންމު ތަންތަނުގައި ގެސްޓު ހައުސް ހިންގާ ރަށްރަށުގައި މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ. އަދި ޓޫރިސްޓުންނާއި އާންމުން މުއާމަލާތް ކުރުން މަދު ކުރަން ޖެހޭއިރު ޒަރޫރީ ބޭނުމެއްގައި ފިޔަވާ ގެސްޓު ހައުސް ހިންގާ ރަށްރަށަށް ދާ މީހުން އެނބުރި ރަށަށް ގޮސް ކަރަންޓިން ވާން ޖެހެ އެވެ.

އަތޮޅު ތެރޭގެ ގެސްޓު ހައުސްތައް ހިންގުމުގެ ހުއްދަ ދިނަސް މާލޭ ސިޓިގެ ގެސްޓު ހައުސްތައް ހިންގުމުގެ ހުއްދަ ދޭން ނިންމާފައިވަނީ އަންނަ މަހު އެވެ. އެއީ މާލެ ސަރަހައްދުގެ ކޯވިޑް ކޭސްތައް ފަސް ޕަސެންޓަށް ތިރިވާނެ ކަމަށް އަންދާޒާ ކުރުމަށް ފަހު ކަނޑައަޅާފައިވާ ތާރީހެކެވެ.

ގެސްޓު ހައުސްތައް ހިންގުމުގެ ހުއްދަ ދޭން ފެށިފަހުން10 ރަށެއްގެ29 ގެސްޓު ހައުސް ހިންގުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް