މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލުވާނުގެ މައްސަލައިގެ ހެކި އަތުލީ ކުރީ ސަރުކާރުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ނޭކުރެންދޫ ޖަލުގެ ފުރަތަމަ ފޭސް ކުރިއަށްގެން ދިއުމަށް މިއަހަރު ހަމަޖެހިފައިވާތީ، އެ މަސައްކަތް ފެށޭނެ ތާރީހެއް ސާފުކުރަން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ހުށަހެޅުއްވި ސުވާލަށް ޖަވާބު ދެއްވަން އިމްރާން ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ ހާޒިރުވެވަޑައިގެންފަ އެވެ.
އިތުރު ސުވާލުކުރަން ލިބުނު ފުރުސަތުގައި، ނައިފަރު ދާއިރާގެ އިދިކޮޅު މެންބަރު ވިދާޅުވީ، 2015 ވަނަ އަހަރު އޭރުގެ އިދިކޮޅުން ސަރުކާރާ ދެކޮޅަށް ބޭއްވި "މޭޑޭ މުޒާހަރާ" ގެ ތެރެއިން ރިލްވާންގެ މައްސަލަ ރައީސް ޔާމީން އާ ގުޅޭކަމަށް ތުހުމަތުކޮށް ކަރުދާސްތަކެއް އިމްރާން ދެއްކެވި ކަމަށާއި، އަދި މިހާރު އެ ކަރުދާސްތަށް ކޮބައިތޯ އިމްރާންގެ ކިބައިން އައްސަވާފަ އެވެ.
ޝިޔާމުގެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، ރިލްވާންގެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅޭކަމަށް ބަޔާންކުރާ ކަރުދާސްތައް އަތުލާފައިވަނީ އެމަނިކުފާނުގެ ސަރުކާރުން ކަމަށެވެ. އަދި ވިދާޅުވީ މޭޑޭ މުޒާހަރާގައި އޭނާ ހައްޔަރު ކުރިތަނާހެން އެ ކަރުދާސްތަށް ފުލުހުން އަތުލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ކަރުދާސްތަށް މިހާރު ވަނީ އޭނާ ހައްޔަރުކުރި ބައެއްގެ އަތުގައި ކަމަށެވެ.
"މޭޑޭ މުޒާހަރާގައި އަޅުގަނޑު ބަންދުކުރި، އޭރު ފުލުހުންގެ ތެރެއިން އެ ކަރުދާސްތައް ގެންދިއަ ބައެއްގެ އަތުގައި ވާންޖެހޭނެ" އިމްރާން ވިދާޅުވި އެވެ.
އިމްރާން އިތުރަށް ވިދާޅުވީ، އެ ކަރުދާސްތަށް އަލުން ހޯދަން ބޭނުންވާނަމަ ޖެހޭނީ ތަހުގީގެއް ފަށަން ކަމަށެވެ. ހަމަ އެއާއެކު އިމްރާން ވިދާޅުވީ މިހާރު ވެސް ފުލުހުން ގެންދަނީ އެމްއެމްޕީއާރްސީ ހިޔާނަތްފަދަ ބޮޑެތި ތަހުގީގު ކުރަމުންނެވެ.
މިހާރު އެމްއެމްޕީއާރުސީ ހިޔާނާތްފަދަ އިތުރު އެހެން ތަހުގީގުތައް ކުރެވެމުންދާތީ، އެ ކަރުދާސްތައް ގެންދިއަ ބަޔަކު ހޯދުމުގެ ތަހުގީގާ ހަމައަށް އަދި ނުދެވޭކަމަށް އިމްރާން ވިދާޅުވި އެވެ.
ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭގޭ މަރުގެ މައްސަލަތަށް ބެލުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދި ރިޔާސީ ކޮމިޝަނުން ވަނީ ރިލުވާނުގެ މަރުގެ ހާދިސާ ކިޔައިދީފަ އެވެ. ކޮމިޝަނުން އެ މައުލޫމާތު ދެމުން ބުނެފައިވަނީ، ރިލުވާން މާރާލާފައިވަނީ ރާއްޖޭގައި ތިބިި އަލްގައިދާ ޖަމާއާތުގެ މެމްބަރުން ކަމަށެވެ. އަދި ރިލުވާން މަރާލާފައިވަނީ ހުޅުމާލެއިން އޭނާ ކިޑްނެޕް ކުރުމަށްފަހު ޑިންގީއަކަށް ލައިގެން ގޮސް ދޯންޏަކަށް އަރުވައި ކަރު ބުރި ކޮށްލައިގެން ކަމަށެވެ.
ކޮމިޝަނުން އިތުރަށް ބުނީ، ރިލުވާން މަރާލީ އިސްލާމްދީނާ ދުރު ހިޔާލުތަށް ސޯޝަލް މީޑިއާގައި ފައުޅު ކުރަމުންދާތީ ކަމަށެވެ. އަދި ރިލުވާން މަރާލުމުގެ ކުރިން އޭނާ ލައްވައި ޝަހާދަތް ކިޔުއްވި ކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި އޭނާ ދޯންޏަށް ގެންގޮސް މަރާލަން އުޅުމުން، "ﷲ ގަންދީ ހުވައި ތިމަންނާއަކީ މުސްލިމެއް" ކަމަށް ރިލުވާން ބުނި ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ. ނަމަވެސް ރިލުވާން މަރާލި މީހުން ބުނީ އޭނާއަކީ މުރުތައްދެއް ކަމަށާއި އެކަމުގެ އަދަބު ލިބެން ޖެހޭނެ ކަމަށް ރިލްވާން މަރާލުމުގައި ބައިވެރިވި މީހުން ބުނި ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް