ބިޑް ކޮމިޓީތަކަށް ސިޔާސީ ބޭފުޅުން އައްޔަން ނުކުރެވޭ ގޮތް ހަދައިފި

މިނިސްޓްރީީތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ބިޑް ކޮމިޓީތަކުގައި ސިޔާސީ ބޭފުޅުނ އައްޔަން ނުކުރެވޭގޮތަށް ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން ނިންމައިފި އެވެ. ފިނޭންސް މިނިސްޓްރީން ބުނީ މިގޮތަށް ނިންމީ މާލިއްޔަ...

21 Oct 2020 | 06:22

މިނިސްޓްރީީތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ބިޑް ކޮމިޓީތަކުގައި ސިޔާސީ ބޭފުޅުނ އައްޔަން ނުކުރެވޭގޮތަށް ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިގޮތަށް ނިންމީ މާލިއްޔަތުގެ ގަވާއިދުގެ 10.13 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ކަމަށެވެ. އެ އެ މާއްދާއަށް ރިއާޔަތްކޮށް ނިންމާފައިވަނީ ދައުލަތުގެ އެކި އޮފީސްތަކުގައި ގާއިމްކުރާ ބިޑް ކޮމިޓީތަކަށް ސިޔާސީ ގޮތުން އައްޔަނުކުރެވޭ ބޭފުޅުންނާއި އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ ފަރާތްތައް އައްޔަނު ނުކުރެވޭނެ ކަމަށެވެ.

ކުރިން މި މާއްދާއަށް އަމަލު ކުރަމުން އައި ގޮތުން ބިޑް ކޮމިޓީ އަށް ސިޔާސީ މުވައްޒަފުން އައްޔަން ނުކުރެވޭނެ ކަމަކަށް ގަވާއިދުގައި ބުނެފައި ނެތުމުން ގިނަ ބިޑް ކޮމިޓީތަކުގެ އިސް ބޭފުޅުންގެ ގޮތުގައި ތިއްބަވަނީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނެވެ. މާލިއްޔަތު ގަވާއިދުގައި ބުނެފައިވާގޮތުގައި ބިޑް ކޮމިޓީތައް އުފައްދައި އެ ކޮމިޓީތަކަށް މެމްބަރުން އައްޔަން ކުރާނީ މިނިސްޓަރުންނެވެ.

އެ ގަވައިދުގައި ބުނެފައިވާ ގޮތުގައި ބިޑް ކޮމިޓީއަށް އައްޔަން ކުރާ މީހުންނަކީ ފަންނީ ހުނަރާއި، މައުލޫމާތާއި ތަޖުރިބާ ހުރި މީހުންނަށް ވާން ޖެހެ އެވެ. އަދި އެ އޮފީހެއްގެ ޕްރޮކިޔުމެންޓް ޔުނިޓުތަކުގެ ނުވަތަ ޕްރޮކިޔުމެންޓުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސެކްޝަނުގެ އެއްވެސް މުވައްޒަފަކު ބިޑް ކޮމެޓީގައި ހިމެނިގެން ނުވާނެ ކަމަށް ވެސް މާލިއްޔަތު ގަވާއިދުގައި ބުނެ އެވެ.

https://twitter.com/MoFmv/status/1318776405249855489

ބިޑް ކޮމިޓީތަކަށް ސިޔާސީ ބޭފުޅުން އައްޔަން ކުރުން މަނާކޮށްފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ހެލްތް މިނިސްޓްރީގެ އިސްވެރިންނާއި ބިޑް ކޮމިޓީގެ ބޭފުޅުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.

އެކަމަކު މި މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީން ޕީޖީ އޮފީހަށް ފޮނުވުމުން އެ މައްސަލައިގަ ދައުވާ ކުރެވެން ނެތް ކަމަށް ބުނެ އަަނބުރާ ފޮނުވާލާފައިވެ އެވެ. ޕީޖީ އޮފީހުން ބުނީ ދައުވާ ކުރަން ފޮނުވި ހެލްތްގެ އިސް ވެރިންގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވާ ވަރުގެ ހެތްކެއް ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް