މިރޭ ޝަކްތާ އާއި ދެކޮޅަށް ކުޅޭ މެޗުގައި ރާމޮސް އަށް ނުކުޅެވޭނެ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި މިރޭ ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ޔޫކްރެއިންގެ ޝަކްތާ ޑޮނެޓްސްކް ބައްދަލުކުރާ މެޗުގައި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޮސްއަށް ނުކުޅެވެ ކަމަށް ރެއާލ...

21 Oct 2020 | 04:56

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި މިރޭ ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ޔޫކްރެއިންގެ ޝަކްތާ ޑޮނެޓްސްކް ބައްދަލުކުރާ މެޗުގައި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޮސްއަށް ނުކުޅެވެ ކަމަށް ރެއާލް މެޑްރިށްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ރާމޮސްއަށް މިރޭގެ މެޗުގައި ނުކުޅެވޭނެ ކަމަށް ޒިދާން ބުނާއިރު، އޭނާއަށް އަނިޔާގެ މައްސަލަ ކުރިމަތިވީ ސްޕެނިޝް ލީގުގައި މިމަހުގެ 17 ވަނަ ދުވަހު ކަޑީޒްއާ ދެކޮޅަށް ކުޅެ ބަލިވި މެޗުގައި ރާމޮސްގެ ކަކުލަށެވެ. ރާމޮސްގެ ކަކުލަށް ލިބުނު މި އަނިޔާއާއި ގުޅިގެން މިހަފްތާގެ އަންގާރަ ދުވަހުން ފެށިގެން އޭނާ ރެއާލްގެ ފަރިތަކުރުންތަކުގައިވެސް ބައިވެރި ވެފައެއް ނުވެއެވެ.

އެގޮތުން ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފައިވަނީ މިރޭގެ މެޗަށް އެކުލަވާލި ސްކޮޑުގައި ވެސް ރާމޮސް ހިމެނިފައި ނުވާކަމަށާއި އަދި މިރޭގެ މެޗުގައި ނުކުޅެވުނަސް ބާސެލޯނާއާއި ދެކޮޅަށް އަންނަ ހޮނިހިރު ދުވަހު ކުޅޭ އެލް ކްލަސިކޯ މެޗުގައި ރާމޯސްއަށް ކުޅެވޭ ވަރުވާނެ ކަމަށް އުންމިދު ކުރާ ކަމަށެވެ. ވާދަވެރި ބާސެލޯނާއާ ދެކޮޅަށް އެލް ކްލަސިކޯގައި ރެއާލް ނުކުންނާނީ މިމަހުގެ 24 ވަނަ ދުވަހު ބާސާގެ އަމިއްލަ ދަނޑުގައެވެ.

ރެއާލްގެ އަމިއްލަ ދަނޑު އެސްޓޭޑިއޯ އަލްފްރެޑޯ ޑި ސްޓެފަނޯގައި ސަޚްތާއާއި ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:55 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް