ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފެރެންކްވަރޯސްއާއި ދެކޮޅަށް ކުޅުނު މެޗު ފަޞޭޙަކަމާއެކު ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 5-1 ގެ ނަތީޖާއަކުންނެވެ.
ބާސެލޯނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީއެވެ. މި ލަނޑާއި އެކު މެސީ ވެގެން ގޮސްފައިވަނީ ޖެހިޖެހިގެން 16 ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ބާސެލޯނާގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މިމެޗުގައި ބާސެލޯނާގެ ދެވަނަ ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި ޒުވާން ފޯވާޑް އަންސު ފަޓީ ކާމިޔާބު ކޮށްދިންއިރު، މި ލަނޑާއި އެކު އޭނާ ވެގެން ގޮސްފައިވަނީ އުމުރުން 18 އަހަރު ނުވަނީސް ޗެމްޕިއަންސް ލީގުގައި އެއްލަނޑަށްވުރެ އިތުރަށް ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މި ލަނޑާއި އެކު ދެ ލަނޑުގެ ލީޑެއްގައި އޮވެ ބާސާއިން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، މި މެޗުގައި ބާސާއިން ކާމިޔާބު ކުރި ތިންވަނަ ލަނޑު މެޗުގެ 52 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކުޓީނިއޯއެވެ. އަދި ބާސާގެ ހަތަރުވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ޒުވާން ކުޅޫންތެރިޔާ ޕެޑްރީ ކާމިޔާބު ކޮށްދިންއިރު، މިއީ އުމުރުން 17 އަހަރުގެ ޕެޑްރީ ސީނިއާ ޓީމަކަށް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. ބާސާގެ ފަސްވަނަ ލަނޑު މެޗުގެ89 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ޑެމްބެލޭއެވެ.
މި މޮޅާއި ބާސާ ހަމަ ޖެހިލިއިރު، އެޓީމަށް ދެން ކުރިއަށް އޮތް މެޗަކީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާއި ދެކޮޅަށް އަންނަ ހަފްތާގައި ކުޅޭ މެޗެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް