ހެލްތް މިނިސްޓަރުގެ މަގާމުން އަމީން އިސްތިއުފާ ދެއްވައިފި

ހެލްތް މިނިސްޓަރުގެ މަގާމުން އަބްދުﷲ އަމީން އިސްތިއުފާ ދެއްވައިފި އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އަމީންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓުނަގަށް އެމްޑީޕީގެ މެމްބަރުން މަޖިލީހަށް ވެއްދު...

20 Oct 2020 | 23:40

ހެލްތް މިނިސްޓަރުގެ މަގާމުން އަބްދުﷲ އަމީން އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އަމީންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓުނަގަށް އެމްޑީޕީގެ މެމްބަރުން މަޖިލީހަށް ވެއްދުމުންނެވެ. އަމީންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަޖިލީހަށް ހުށަހެޅީ24 މެމްބަރުންގެ ސޮޔާއި އެކު އެވެ.

އަމީން އިސްތިއުފާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީއެއްގައި އެވެ.

އެ ސިޓީގައި ވިދާޅުވެފައިވަނީ މި ހާލަތާއި ގުޅިގެން ރައީސާއި ކުރެވުނު މަޝްވަރާ އިން ހާލަތު އޮތްގޮތް ވަޒަން ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މި ހާލަތުގައި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދިނުން ކަމަށް ގަބޫލު ކުރެވޭތީ އިއްޔެއިން ފެށިގެން މިނިސްޓަ އޮފް ހެލްތުގެ މަގާމުން އިސްތިއުފާދޭ ކަމަށެވެ.

ކޯވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކޮށްފައި ވަނީ ތައުރީފު ހައްގު މަސައްކަތެއް ކަމަށާއި، އެކަމުގެ ތެރޭގައި އިސް ދައުރެއް އަދާކުރައްވައި، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރެއްވުމަށް މަސައްކަތް ކުރެއްވުނީތީ ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް އަމީން ވިދާޅުވި އެވެ. އަދި ހެލްތް މިނިސްޓްރީ އާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތަށް ޝުކުރު އަދާ ކުރައްވާފައިވެ އެވެ.

އަމީން ހެލްތް މިނިސްޓަރުގެ މަގާމަށް އައްޔަން ކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެވެ. އުސޫލެއްގެ ގޮތުން އަލުން އައްޔަން ކުރާ ހެލްތް މިނިސްޓަރު ނިސްބަތްވާން ޖެހޭނީ ޖުމްހޫރީ ޕާޓީ އަށެވެ.

އެންމެ ފަހުން މަގާމުން ވަކި ކުރި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުައްވާފައިވަނީ އޭނާ ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ޑރ. އަބްދުﷲ މައުސޫމަށެވެ. އެކަމަކު ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އިސްތިއުފާ ދެއްވުމުން އެ މަގާމަށް އައްޔަން ކޮށްފައިވަނީ އަދާލަތު ޕާޓީއަސް ނިސްބަތްވާ ބޭފުޅެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް