ރައީސް މަގޫދޫގައި - ފޮޓޯ: ރައީސް އޮފީސް
ފ. މަގޫދޫ އެއާޕޯޓްގެ މަސައްކަތް ގިނަވެގެން އެއް އަހަރު
ދުވަހުގެ ތެރޭގައި ނިމޭނެ ކަމުގެ ޔަޤީންކަން އެރަށުގެ ރައްޔިތުންނަށް ރައީސް، ޑރ. މުޙައްމަދު
މުޢިއްޒު ދެއްވައިފިއެވެ.
އެ މަނިކުފާނު މިކަމުގެ ޔަޤީންކަންދެއްވީ ހަތަރު އަތޮޅެއްގެ
މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަގޫދޫއަށް
ވަޑައިގެން، އެ ރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވަމުންނެވެ.
ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ
ކޮމިޓީގެ މެންބަރުންނާއި ރަށުގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންނާއެކު މިއަދު
ހެނދުނު، މަގޫދޫ އިޖުތިމާޢީ މަރުކަޒުގައި ކުރިއަށް ގެންދެވި މަޝްވަރާބައްދަލުކުރެއްވުމުގައި،
މަގޫދޫ ރައްޔިތުންގެ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ
ހިއްސާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މަގޫދޫ ރައްޔިތުން ވަނީ،
އެރަށުގައި އަޅާ އެއާޕޯޓުގެ މަސައްކަތް ނުހުއްޓި ކުރިއަށްގެންދިއުމަށް އެދިވަޑައިގެންފައެވެ.
އަދި އެއާޕޯޓް ހުޅުވާނެ ތާރީޚެއް ދެއްވުމަށް ރައްޔިތުން އެދިވަޑައިގަތެވެ. ރައްޔިތުންގެ
މި ހުށައެޅުމަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، މުޅި އެއާޕޯޓްގެ މަޝްރޫޢު އެގްރިމަންޓާއި
އެއްގޮތަށް ގިނަވަގެން ބާރަ މަސްދުވަހުގެ ތެރޭގައި ނިންމާނެކަމަށެވެ.
މަގޫދޫގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އެހެން
މަޝްރޫޢުތަކުގެ ތެރޭގައި ސްކޫލްގެ މަލްޓިޕާޕަސްހޯލާއި ޞިއްޙީ މަރުކަޒުގެ މަސައްކަތުގެ
އަމަލީ މަސައްކަތް މިއަހަރު ފަށާނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ. މީގެ އިތުރުން
ރަށުގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ކުރިއަށް
ގެންދިއުމަށް ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ، ފ. މަގޫދޫގައި ބޭންކް
އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ އޭ.ޓީ.އެމްގެ ޚިދުމަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.
މީގެ އިތުރުން މަގޫދޫގައި ތަތައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި މަގޫދޫ
ކައުންސިލް އިދާރާ އަދި އެރަށު ޕޮލިސް ޕޯސްޓްގެ ބިންގާ މިއަދުވަނީ އަޅުއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް