ކޯވިޑަށް ޕޮޒިޓިވް އަދި ކަރަންޓީންގައި ތިބި ދަރިވަރުންނަށް އޭލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރީގެ ޑިޕިއުޓީ މިނިސްޓަރު މުޙައްމަދު އިޙްސާން ވިދާޅުވީ ކޯވިޑް-19 އަށް ޕޮޒިޓިވްވާ ދަރިވަރުންނާއި ޕޮޒިޓިވްވާ ދަރިވަރުންނާއި ކޮންޓެކްޓްވާ ދަރިވަރުންނަަށް އޭލެވެލް އިމްތިހާނުގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަަށެވެ. ބަލި ހާލަތު ހުރިގޮތުން ބައިވެރިނުވެވޭ ދަރިވަރުންނަށް އަންނަ އަހަރުގެ މެއި ޖޫންގައި އިމްތިހާންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ އޭލެވެލް އިމްތިހާނުގެ ކުރިޔަށް ގެންދާނީ އެޗްޕީއޭގެ އިރުޝާދާއި އެއްގޮތަށް ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވުތަކާއި އެކު ކަމަށެވެ. އެގޮތުން ހުރިހާ ސްކޫލެއްގައި ޓެސްޓު ހަދަން ދަރިވަރުން ތިބޭނީ އިޖްތިމާއީ ގައިދުރު ކަމުގައި ކަމަށާއި ކުދިން ހޯލަށް ވަންނަ އިރު ފިނިހޫނުމިން ބަލާނެ ކަމަށެވެ.
އަދި މާލޭގެ ސްކޫލްތަކުގެ ދަރިވަރުން ތޮއްޖެހުން ކުޑަކޮށް ގައިދިރުކަމާއި އެކު ތިބެވޭގޮތް ހެދުމަށް ގިނަ ސްކޫލްތަކެއްގައި އިމްތިހާން ކުރިޔަށް ގެންދާނެ ކަމަށެވެ. އެގޮތުން ސީއެޗްއެސްސއީގެ ދަރިވަރުން އިމްތިހާނު ހެދުމަށް އެ ސްކޫލްގެ އިތުރުން އިސްކަންދަރު، އަމީނިއްޔާ، އަރަބިއްޔާ ސްކޫލް ހަމަޖައްސާފައިވާ ކަމަށާއި އަމިއްލަ ސްކޫލްތަކުން އެދެފި ނަމަ އެ ސްކޫލްތަކަށްވެސް އެ މަގު ފަހިކޮށްދޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ އިމްތިހާނުގެ އިންތިޒާމް ހަމަޖައްސާފައިވާގޮތުން ކޯވިަށް ޕޮސިޓިވް ކުދިން ވަކި ސްކޫލެއްގެ ހޯލުގައި އިމްތިހާނު ހަދާއިރު ކަރަންޓީންގައި ތިބި ދަރިވަރުންވެސް އިމްތިހާނު ހަދާނީ ވަކި ހޯލެއްގައި ކަމަށެވެ. އަދި އެ ހޯލްތަކުގައި ތިބޭ އިންވިޖިލޭޓަރުން ތިބޭނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން ކަމަށެވެ. ރަށްރަށުގައިވެސް މި އުސޫލަށް އަމަލު ކުރާނެ ކަމަށް ވިދާޅުވި އެވެ.
އަންނަ މަހުގެ ފަހެއްގައި ފަށާ އޭ ލެވެލް އިމްތިހާނުގައި އެއް ސްކޫލަކުން އެންމެ ގިނަ ދަރިވަރުން ބައިވެރިވެފައިވަނީ ސީއެޗްއެސްއީ އިންނެވެ. އެ ސްކޫލުން 470 އެއްހާ ދަރިވަރުން އިމްތިހާނު ހަދާއިރު ރާއްޖޭގެ 38 ސްކޫލެއްގައި އޭލެވެލް އިމްތިހާޏު ހަދާނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޯވިޑާއި ގުޅިގެން އެ ދަރިވަރަކު ތައުލީމް ހާސިލްކުރާ މަރުކަޒު ހުރި ރަށުގައި ނެތް ކުދިންނަށް ޓެސްޓު ހަދަން ދާން ފަސޭހަ މަރުކަޒެއް ހިޔާރު ކުރުމުގެ ފުރުސަތު ދީފައިއެވެ، އެ ފުރުސަތުގައި ރަޖިސްޓްރީ ނުކުރާ ދަރިވަރުން އެ ކުއްޖަކު ކިޔަވާ ސްކޫލެއް ހުރި ރަށަކަށް ވީހާވެސް އަވަހަކަށް ދިއުމަށް އެ މިނިސްޓްރީން އިލްތިމާސްކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް