މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގަންނަވައިފި އެވެ.
ނޭޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ) ގެ ބޯޑާއިއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި އެން.ޑީ.އޭ.އަކީ ވަރަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ އިދާރާއެއްކަމުގައި ފާހަގަކުރެއްވި އެވެ.
އެ ގޮތުން، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) އާއި އެއްގޮތަށް ޒުވާނުންނަށް ފަހި ފުރުޞަތުތައް ހޯދައިދިނުމުގައި ވެސް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރުމަށް އިސްކަންދެވިފައިވާނޭ ކަމުގައި ފާހަގަކުރެއްވި އެވެ. އަދި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާންހުރި ދޮރުތައް ބަންދުކުރުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށްވެސް ވަނީ އަލިއަޅުއްވައިލައްވާފަ އެވެ.
އެން.ޑީ.އޭ.ގެ ބަޖެޓާއި ވަޞީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، އެ އިދާރާގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމާއި، ފަރުވާއަށްފަހު މުޖުތަމަޢާއި އަލުން ގުޅޭ ޒުވާނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގައި ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި އެން.ޑީ.އޭ.ގެ ބޯޑުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި އެ ބޭފުޅުން ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވި ގޮތަށް މަސައްކަތްތައް ބައްޓަންކުރާނެކަމަށާއި، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބޯޑުގެ ހުރިހާ މެންބަރުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަން ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ މުޞްޠަފާ ލުޠުފީ އަދި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަޙްމަދު ސަމީރު ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް