އިންޑިއާގެ ތާރީހީ އާސާރީ ބިނާ ތާޖް މަހަލް އަލުން ހުޅުވައިފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިިކަމުގެ ފިޔަވަޅެއްގެ ގޮތުން ތާޖް މަހަލް ބަންދު ކުރީ މިދިޔަ މާޗް މަހު އެވެ. އެއީ މުޅި އިންޑިއާ ކޯވިޑާއި ގުޅިގެން ލޮކްޑައުން ކުރުމުންނެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ތާޖް މަހަލް އާންމުންނަށް ހުޅުވާލީ ކޮންމެ ދުވަހަކު ވަކި އަދަދަކަށް މީހުންނަށް ވަދެވޭ ގޮތަށެވެ. އެގޮތުން މިހާރު ތާޖް މަހަލްއަށް ދުވާލަކު ޒިޔާރަތް ކުރެވޭނީ 5،000 މީހުންނަށެވެ.
އަލުން ތާޖް މަހަލް ހުޅުވި އިރު އެތަނަށް ވަންނަ ކޮންމެ މީހެއްގެ ފިނިހޫނުމިން ބަލާނެ އެވެ. އަދި ތާޖް މަހަލްއަށް ވަންނަ ޓިކެޓު ގަންނަން ޖެހެނީ ޑިޖިޓަލްކޮށެވެ.
ގްރޫޕުް ހަދައިގެން ފޮޓޯނެގުން ވަނީ މަނާކޮށްފައި އެވެ. އެކަމަކު އެތަނުގައި ސެލްފީ ނެގޭނެ އެވެ. މީގެ އިތުރުން ތާޖް މަހަލްއަށް ޒިޔާރަކްތ ކުރާ ފަރާތްތަކުން އިޖްތިމާއީ ގައިރުކަން ބަހައްޓަންޖެހެ އެވެ.
އާންމުކޮށް ތާޖް މަހަލަށް ދުވާލަކު 70،000 މީހުން ޒިޔާރަތް ކުރެ އެވެ.
އެންމެ ފަހުން ތާޖްމަހަލް ބަންދުކޮށްފައިވަނީ އެ ބިނާ ހުންނަ އިންޑިއާގެ އާގަރާގައި ފެން ބޮޑުވުމުގެ ސަބަބުން 1978 ގައި އެވެ.
ތާޖް މަހަލް ބިނާކުރީ 17 ވަނަ ގަރުނުގައި އިންޑިއާގެ އޭރުގެ ރަސްގެފާނު ޝާހު ޖަހާން އޭނާގެ އަނބިކަނބަލުން އަދި ރާނީ މުމްތާޒު މަހަލްގެ ހަނދާނުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް