ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިޔަށް ގެންދާ "ކޯވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިންގެ ދަށުން ފޮޓޯ އާއި ވީޑިއޯ މުބާރާތެއް ފަށައިފި އެވެ.
މި މުބާރާތް ކުރިޔަށް ގެންދަނީ "ކޯވިޑް ހުއްޓުވާނީ އަހަރެން - ރައްޔިތުންގެ ކެމްޕެއިން" ގެ ނަމުގައި އާންމުންނަށް ބައިވެރިވެވޭގޮތަށެވެ. މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ފޮނުވަން ޖެހެނީ އާންމު ހޭލުންތެރިކަން އިތުރުވާނެ ހިޔާލެއް، މެސެޖެއް ދެވޭ ވީޑިއޯއާއި ފޮޓޯއެވެ.
މުބާރާތުގައި ބައިވެރި ކުރަން ފޮނުވާ ވީޑިއޯ ކްލިޕްގެ ދިގުމިނުގައި ހުންނަން ޖެހެނީ 30 ސިކުންތެވެ. ފޮނުވާ ވީޑިއޯގައި އޯޑިއޯ ވޮއިސް، ބެކްމިއުޒިކް ހިމަނާނަމަ، ހިމަނަންވާނީ ސާފުކޮށް އަޑުއަހަން ފަސޭހަ ގޮތަށެވެ.
މި މުބާރާތުގައި ބައިވެރިކުރާ ފޮޓޯތަކުގައި، ތީމް އާ ގުޅޭ ގޮތުން ދޭ މެސެޖް، އަސަރު ސާފުވާން ވާނެ ކަމަށް މީޑިއާ ޓީމުން ބުނެފައިވެ އެވެ.
މި މުބާރާތުގެ އެއް ވަނަ ދެ ވަނަ އަދި ތިން ވަނަ ހޮވުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީން ވަކިންނެވެ.
އެއް ވަނަ ވީޑިއޯ އަށް 15،000 ރުފިޔާ، ދެ ވަނަ ވީޑިއޯ އަށް 10،000 ރުފިޔާ އަދި ތިން ވަނަ ވީޑިއޯ އަށް 7،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ. ފޮޓޯ މުބާރާތުން އެއް ވަނަ ފޮޓޯ އަށް 10،000 ރުފިޔާ ދެވަނަ ވަނަ ފޮޓޯއަށް 5،000 ރުފިޔާ އަދި ތިން ވަނަ ފޮޓޯ އަށް 3،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ.
މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 30 ވަނަ ދުވަހުގެ ހަވީރު 6:00 އެވެ. ފޮޓޯ އާއޮ ވީޑިއޯ ފޮނުވަންޖެހެނީ 7231002 ގެ ޓެލެގްރާމް އަށެވެ.
މި މުބާރާތުގެ ވަނަތައް ހޮވަނީ "ކޯވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިންގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ފޮޓޯތަކާއި ވީޑިއޯތައް ޝެއާކޮށްގެނެނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް