އަބޫދާބީގެ ޓީޗަރުންނާއި އާއިލާތަކަށް ވެސް ކޮވިޑް-19 ވެކްސިން ދިނުމަށް ނިންމައި، އެ ފުރުސަތު ހުޅުވާލައިފި އެވެ.
ބޭރުގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިވަގުތު އަރަބި ބައެއް ޤައުމުތަކުގައި ޓެސްޓު ކުރަމުންދާ މި ވެކްސިން އިމަރޖެންސީ ޙާލަތުގައި ބޭނުން ކުރުމުގެ ހުއްދަ ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ ދީފައެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ވެކްސިން ދިނުމުގައި އިސްކަން ދޭނެ ކަމަށްވެސް އެ ޤައުމުގެ އޮފިޝަލުންނާ ޙަވާލާދީ ރިޕޯޓުތައް ބުނެއެވެ.
އަބޫދާބީގެ ޕަބްލިކް ސުކޫލުތަކަށް އެކަމާ ގުޅޭ ޚާއްސަ ސަރކިއުލަރއެއް މިހާރު ވަނީ ފޮނުވާފައެވެ.
އެގޮތުން ވެކްސިން ހޯދަން އެދޭ ޓީޗަރުންނާއި، އާއިލާތައް މިހިނގާ ސެޕްޓެމްބަރު މަހުގެ 24 ގެ ކުރިން ރަޖިސްޓަރ ކުރުމަށް ވަނީ ހުޅުވާލާފަ އެވެ.
ސާރކިއުލަރ ގައި ވާގޮތުން ޓީޗަރުންގެ އާއިލާ މީހުންގެ ތެރެއިން ވެކްސިން ޖަހާނީ ހަމައެކަނި 18 އަހަރުން މަތީގެ މީހުންނަށެވެ.
އިމަރޖެންސީ ޙާލަތްތަކުގައި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ޔޫއޭއީން ދިނުމާއެކު، އެ ޤައުމުގެ ހެލްތް މިނިސްޓަރ އަބްދުލްރަޙުމާން ބިން މުޙައްމަދު އަލް ޤައިސް ވަނީ ހޮނިހިރު ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ނަންގަވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް