އަދީބަށް ދައުލަތުން އުފުލި ދައުވާތައް އަލުން ބަލަން ހައި ކޯޓުން ހުކުމް ކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ދެކޮޅަށް ދައުލަތުން އުފުލި ދައިވާތައް ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ހައު ކޯޓުން ހުކުމް ކޮށްފި އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅުން ހުރި ހަތް މައްސަލައެ...

21 Sep 2020 | 09:45

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ދެކޮޅަށް ދައުލަތުން އުފުލި ދައިވާތައް ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ހައު ކޯޓުން ހުކުމް ކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅުން ހުރި ހަތް މައްސަލައެއްގައި ދައުލަތުން ކްރިމިނަލް ކޯޓުގައި އަދީބާއި ދެކޮޅަށް ދައުވާ އުފުލި އެވެ. އެހުރިހާ ދައުވާއެއް އެ ކޯޓުން ބޭރުކޮށްލުމުން ދައުލަތުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި އެވެ.

އެ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ކުށަށް އިއުތިރާފްވުމާ ބެހޭގޮތުން ދައުލަތާއި އަދީބާ އެކު ހަދާފައިވާ އިއުތިރާފްގެ އެއްބަސްވުން ސައްހަ ނޫން ކަމަށް ކަނޑައެޅުމަށް ފަހު އެވެ.

މި މައްސަލައިގަ މިއަދު ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ދައުލަތާއި އަދީބާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ސައްހަކަން ކަނޑައެޅުމަކީ ކޯޓުގެ ދައުރެއް ނޫން ކަމަށެވެ. އެފަަދަ މައްސަލަތަކުގައި ކޯޓުގެ ދައުރަކީ އެފަދަ އެއްބަސްވުމެއް އޮތްތޯ ބެލުމާއި އިއުތިރާފުން ރުޖޫއަވުމުގެ ފުރުސަތު އޮތްކަން ދައުވާލިބޭ މީހާ އަށް އެންގުން ކަމަށާއި އަދީބުގެ މައްސަލާގައި އެއްބަސްވުމާ މެދު ގޮތެއް ނިންމީ ކޯޓުގެ އަމިއްލަ އިސް ނެގުމުގައި ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.

އަދީބުގެ މައްޗަށް ދައުލަތުް އުފުލި ދައުވާތަކުގެ ތެރޭގައި އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭގޮތުން، އެސެޓް ރިކަވަރީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންގެ ގުޅިގެން ހިންގި ތަހުގީގަށް ފަހު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް