އޭސީސީގެ ގާނޫނަށް އެއްވަނަ އިސްލާޙު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު: 13/2008) އަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤުކުރައްވައިފިއެވެ. އެންޓި-ކޮރަޕްޝަން ކޮމި...

21 Sep 2020 | 09:28

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު: 13/2008) އަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤުކުރައްވައިފިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ މި ސެޕްޓެންބަރު މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި އިޞްލާހުގައި ކޮމިޝަނުގެ ރައީސާއި އަދި މެންބަރުން ވެސް މިނިވަންކަމާއިއެކު ނުފޫޒުން އެއްކިބާވެތިބެ މަސައްކަތްކުރުމަށް ބާރުއަޅާ މާއްދާތައް ހިމަނާފައިވެއެވެ. ހަމަ އެހެންމެ، ކޮމިޝަނުގެ މެންބަރުންގެ މަޤާމުގެ ވާޖިބުތައް އަދާކުރުމުގައި ކޮމިޝަނުގެ ޖަމާޢީ ސުލޫކު އަދި ކޮމިޝަނުގެ މެންބަރުންގެ ހައިޞިއްޔަތާއި ފަރުދީ ހައިޞިއްޔަތުން މެންބަރުން ހިފަހައްޓަންޖެހޭ ޒާތީ ސުލޫކު މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ކޮމިޝަނުގެ މެންބަރުން އިތުރު ވަޒީފާ އަދާނުކުރުމާއި، މަޞްލަޙަތު ފުށުއަރާ ވިޔަފާރި ނުކުރުންފަދަ ކަންކަމާއި އަދި މަޞްލަޙަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށް ބާރުއަޅާ މާއްދާތައް ބިލުގައި ހިމަނާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤްކުރެއްވުމާއި ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް