ފެނަކަ ކޯޕަރޭޝަން އާއި ގުޅޭގޮތުން އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށެޅި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރަން ފަށައިފި އެވެ.
މި މައްސަލަތައް އެ ކޮމިޝަނަށް ހުށަހެޅީ ފެނަކައިގެ މުވައްޒަފުންތަކެކެވެ. އެ މުވައްޒަފުން 28 މައްސަލައެއް ހުށަހެޅި އެވެ.
އޭސީސީން މީޑީއާގައި ބުނީ އެހުރިހާ މައްސަލައެއް ތަހުގީގު ކުރަން ނިންމާފައިވާ ކަމަށެވެ. ބައެއް މައްސަލަތަކީ އެއް މައްސަލަ އަނެއް މައްސަލާއި ގުޅިފައި ހުރި މައްސަލަތަކަށްވާތީ އޭސީސީން ނިންމާފައިވަނީ ބައެއް މައްސަލަތައް އެއްކޮށްލައިގެން ތަހުގީގު ކުރާށެވެ. މީގެ ތެރެއިން ގިނަ މައްސަލަތަކަކީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައިދާއި ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެވެ.
ސައީދާއި ގުޅޭގޮތުން ހުށަހެޅި ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން އޭނާ ރާއްޖެ ޓީވީގައި ވިދާޅުވީ އެ މައްސަލަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި އެއީ ބަޔަކު ރާވައިގެން ކުރާ ކަމެއް ކަމަށް ސައީދު ތުހުމަތު ކުރެއްވި އެވެ.
ފެނަކައިގެ ކޮރަޕްޝަނާއި ގުޅޭގޮތުން ހުށަހެޅި މައްސަލަތަކުގައި ބުނެފައިވަނީ މީގެ ކުރިންވެސް އެ ކުންފުނީގައި ހިންގާ މިފަދަ ކޮރަޕްޝަންގެ މައްސަލަތައް އޭސީސީއަށް ހުށަހެޅިއަސް އެކަށީގެންވާ ގޮތުގައި ބެލިފައި ނުވާ ކަމަށެވެ. މިފަހަރުގެ މައްސަލަތައް ނުބަލައި ދޫކޮށްލައިފި ނަމަ ދައުލަތުގެ އެތައް ފައިސާއެއް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ކަމަށް މައްސަލައިގައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް