ހއ. ހޯރަފުށީގައި ތަރައްގީ ކުރަމުންދާ އެއާޕޯޓުގައި ހަދާ ޓާމިނަލް އާއި ފަޔާ ސްޓޭޝަން އިމާރާތް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. އެ ކުންފުނިން ބުނީ އެ ދެ ތަން އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިމަހުގެ 19 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.
މި މަސައްކަތް 80 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. އެމްޓީސީސީން ބުނީ ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.
މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 13.8 މިލިއަން ރުފިޔާ އަށެވެ. މި މަސައްކަތް ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާއި ހަވާލު ކުރި މިދިޔަ މަހުގެ27 ވަނަ ދުވަހު އެވެ.
ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް އޮންނާނެއެވެ. އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި 842،200 ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް