ޕްރިމިއާ ލީގް: މާނޭގެ ދެ ގޯލާއި އެކު ޗެލްސީ އަތުން ލިވަޕޫލް މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވެއްޖެއެވެ. ރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 0-2 ގެ ނަތީޖާއިންނެވެ. ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ގައި ލިވަޕޫ...

21 Sep 2020 | 04:01

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވެއްޖެއެވެ.

ރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 0-2 ގެ ނަތީޖާއިންނެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ގައި ލިވަޕޫލުން ރަނގަޅަށް ކުޅެމުން ދިޔަ ނަމަވެސް، ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މި މެޗުގައި ޗެލްސީއަށް އިތުރު އުދަނގޫތަކަކާ ކުރިމަތިލާން ޖެހުނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެޓީމުގެ ޑިފެންޑަރު އަންދްރެއަސް ކްރިސްޓެންސެނަށް ރެފުރީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ. ކްރިސްޓެންސެނަށް އަށް ރެފްރީ ރަތްކާޑު ދެއްކީ ޕެނަލްޓީ އޭރިއާ ބޭރުން މާނޭއަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

ލިވަޕޫލުން މެޗުގެ ދެވަނަ ހާފު ވެސް ފެށީ ވަރަށް ރަނގަޅަށެވެ. އެގޮތުން މި ހާފު ފަށައިގެން ފަސްވަނަ މިނެޓުތެރޭ އެޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ރޮބާޓޯ ފިރްމީނޯ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މާނޭއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން މެޗުގެ 54 ވަނަ މިނެޓުގައި ޗެލްސީގެ ގޯލްކީޕަރު ކެޕާ ހެދި ގޯހެއްގެ ފައިދާ ނަގާ މާނޭ ވަނީ ލިވަޕޫލްގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްދީފައެވެ.

ލިވަޕޫލް އިން ލީޑު ފުޅާ ކުރިތާ ދިހަ ވަރަކަށް މިނެޓުތެރޭ ޗެލްސީއަށް ވަނީ ނަތީޖާގެ ފަރަގު ކުޑަކުރަން ޕެނަލްޓީއެއް ލިބިފައެވެ. މިއީ އޭރިއާ ތެރެއިން ޗެލްސީގެ ޓިމޯ ވާނާއަށް ލިވަޕޫލްގެ ތިއާގޯ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު ޗެލްސީ މިޑްފީލްޑަރު ޖޯޖީނިއޯ ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފައެވެ.

ރޭގެ މި މޮޅާއެކު ލިވަޕޫލް މިވަގުތު އޮތީ 6 ޕޮއިންޓާއި އެކު ލީގު ތާވަލުގެ ތިންވަނައިގައެވެ. އަދި ޗެލްސީ އޮތީ 3 ޕޮއިންޓާއި އެކު ތާވަލުގެ 10 ވަނައިގައެވެ.

ޗެލްސީ ދެން ކުޅެން ޖެހޭ މެޗުގައި ބައްދަލުކުރާނީ ވެސްޓް ބްރޮމްއާއެވެ. އަދި ލިވަޕޫލް ދެން ބައްދަލުކުރާނީ އާސެނަލްއާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް