ސްޕެނިޝް ލީގް: ލީގުގައި ރެއާލް މެޑްރިޑުން ކުޅުނު ފުރަތަމަ މެޗު އެއްވަރު ވެއްޖެ

ސްޕެނިޝް ލީގުގެ އައު ސީޒަނުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ. ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗު އެއްވަރުވީ ރެއާލް ސޮސިއޭޑާޑް އާއި ދެކޮޅަށް ކުޅެ 0-0 ގެ ނަތީޖާއ...

21 Sep 2020 | 02:21

ސްޕެނިޝް ލީގުގެ އައު ސީޒަނުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗު އެއްވަރުވީ ރެއާލް ސޮސިއޭޑާޑް އާއި ދެކޮޅަށް ކުޅެ 0-0 ގެ ނަތީޖާއަކުންނެވެ.

ސޮސިއެޑާޑުގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، އެއްވެސް ޓީމަކަށް ލަނޑު ޖަހާނެ މާ ރަނގަޅު ހަމަލާތަކެއްވެސް އުފެއްދިފައެއް ނުވެއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ނަތީޖާ ބަދަލުކޮށްލަން އެންމެ ރަނގަޅު ފރުސަތެއް ލިބުނީ ސޮސިއެޑާޑްއަށެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ސޮސިއެޑާޑުގެ އަލެކްސެންޑަ އައިސަކަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ރެއާލްގެ ގޯލްކީޕަރު ތިބައު ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފު ފަށައިގެން ދެވަނަ މިނެޓުގައި ސޮސިއެޑާޑުގެ އަންޑާ ބަރެނެޓިއާއަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގައި ރެއާލް އަށް ވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. ކަރީމް ބެންޒެމާއަށް ލިބުނު މި ފުރުސަތުގެ ބޭނުން އޭނާއަށް ހިފިފައި ނުވާއިރު، އޭރިއާ ބޭރުން ބެންޒެމާ ފޮނުވާލި ހަމަލާ ސޮސިއެޑާޑުގެ ގޯލްކީޕަރު އެލެކްސް ރެމީރޯ ވަނީ މަތަކޮށްފައެވެ.

ލީގުގައި ދެން ރެއާލް ނުކުންނާނީ ރެއާލް ބެޓިސްއާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް