ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާ ޚިލާފުވެގެން އެކްސްޕްރެސް މަނީ އެކްސްޗޭންޖުގެ ލައިސަންސް ބާތިލް ކޮށްފި

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާ ޚިލާފުވި މައްސަލައިގައި އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައި އޮތް ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާތިލްކޮށްފިއެވ...

21 Aug 2026 | 07:14
އެމްއެމްއޭ -- ދުވަސް ފޮޓޯ: އަޒްމީ އަލީ

އެމްއެމްއޭ -- ދުވަސް ފޮޓޯ: އަޒްމީ އަލީ

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާ ޚިލާފުވި މައްސަލައިގައި އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައި އޮތް ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާތިލްކޮށްފިއެވެ.

އެމްއެމްއޭއިން ރޭ ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މަނީ އެކްސްޗޭންޖް ވިޔަފާރިތައް ސުޕަވައިޒްކުރުމުގެ ތެރެއިން އެ ކުންފުނިން ގަވާއިދާ ޚިލާފު ޢަމަލުތައް ހިންގާފައިވާކަން ފާހަގަކުރެވިފައިވެއެވެ. އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލުން ދައްކާ ގޮތުގައި މި ކުންފުންޏަކީ އަހްމަދު ސިނާޒް އާއި އަމްޖަދު އިސްމާއިލް ހިއްސާވެގެން 2024 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެކެވެ.

ޓިއާ 1 ކެޓަގަރީގައި އެ ކުންފުންޏަށް ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ އެންމެ ފަހުން ދޫކޮށްފައިވަނީ މިދިޔަ އެޕްރީލް 14 ވަނަ ދުވަހު ކަމަށާއި އެ ހުއްދައިގެ މުއްދަތު 2031 ވަނަ އަހަރުގެ އެޕްރީލް 14 އަށް ހަމަވާ ގޮތަށް އޮތް ނަމަވެސް މުއްދަތު ހަމަވުމުގެ ކުރިން ލައިސަންސް ވަނީ ބާތިލްކޮށްފައެވެ.

އެމްއެމްއޭގެ ބަޔާނުގައި ބުނެފައިވެއެވެ: "ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވައިދާ އެއްގޮތުގެ މަތިން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް މި އޮތޯރިޓީން އިލްތިމާސްކުރަމެވެ."

ގަވާއިދާ ޚިލާފުވާ ފަރާތްތަކާ ދެކޮޅަށް ކުރިއަށް އޮތް ތަނުގައި ވެސް ތަންފީޒީ އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ލައިސަންސް ބާތިލްކޮށްފައި މި ވަނީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަރަށް ބޮޑަށް އުފުލެމުން ދާ ދަނޑިވަޅެއްގައެވެ. ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމާއި އެކަން އިޝްތިހާރުކުރުމަކީ ފަސް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވިދާނެ ކުށެއް ކަމުގައި ކަނޑައެޅުމަށް ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެންނަ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އެ އިސްލާހުގައިވާ ގޮތުން އެމްއެމްއޭއިން ކަނޑައަޅާ ރޭޓަށް ވުރެ ބޮޑު އަގެއްގައި ބޭރު ފައިސާ ވިއްކަން އިޝްތިހާރުކުރުމާއި އެކަމަށް ހިތްވަރު ދިނުމަކީ ވެސް ކުށެކެވެ. ޤާނޫނީ ޝަޚްޞެއް ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއެއް މި ފަދަ ކުށެއްގައި ޝާމިލުވާ ނަމަ 100,000 ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކަނޑައެޅުމުގެ ބާރު ބިލުގައި ހިމަނާފައިވެއެވެ.

ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމާއި ކޮމިޝަނެއް ނަގައިގެން ޑޮލަރުގެ މުޢާމަލާތް ހިންގުމަކީ މިހާރު ވެސް ޤާނޫނީ ގޮތުން މަނާ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް