ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އަންނަ ހޯމަ ދުވަހު މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގައި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ޖާބިރު މިހެން ވިދާޅުވީ އަވަސް އޮންލައިން ނޫހަށް ދެއްވާފައިވާ އިންޓަވިއުއެއްގައެވެ. ދުވަހުން ގުޅުމުން ފޯނެއް ނުނެންގެވިއެވެ. މެސެޖަކުން ދެންނެވީ ފަހުން ގުޅާލަދެއްވާނެ ކަމަށެވެ.
އަވަސް ނޫހަށް މައުލޫމާތުދެމުން ޖާބިރު ވިދާޅުވެފައިވަނީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް މިހާރު ނިމިފައިވާކަމަށާއި އެ މަސައްކަތަކީ މަޖިލީހުގެ މެމްބަރުންވެސް ތާއީދުކުރައްވާ މަސައްކަތެއް ކަމަށެވެ.
ޖާބިރު ވިދާޅުވެފައިވަނީ ނިޒާމާމެދު ގޮތެއް ނިންމަން ޖެހެނީ ވަކި މީހަކަށް، ވަކި ލީޑަރަކަށްޓަކައެއް ނޫނެވެ. އެއީ ރާއްޖެއަށްޓަކައި، ގައުމުގެ ތަރައްގީއާއި ރާއްޖެއިން ގެއްލިފައިވާ އިޖްތިމާއީ އަދާލަތަށްޓަކައި ކުރަންޖެހޭ ކަމެއް ކަމުގައި ޖާބިރު ވިދާޅުވެފައިވެއެވެ.
ރައްޔިތުން މިހާރު ބޭނުންވަނީ ބަރުލަމާނީ ނިޒާމުކަން 100 ޕަސެންޓު ޔަގީން ކަމަށާއި މަޖިލީހުގެ 90 ޕަސެންޓު މެމްބަރުންވެސް ބޭނުންވަނީ އެގޮތް ކަމުގައި ޖާބިރު ވިދާޅުވެފައިވެއެވެ.
ބަރުލަމާނީ ނިޒާމު ގެންނަން ހުށަހަޅަން ޖާބިރު ތައްޔާރުވަމުން އަންނައިރު ބަރުލަމާނީ ނިޒާމުގެ ވާހަކަ އެންމެ ގިނައިން ދައްކަވާ ބޭފުޅަކީ، އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް