ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) އިން ނަގާފައިވާ 305 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ)ގެ ލޯނު ދެއްކުމުގައި އުނދަގޫތައް ކުރިމަތިވެއްޖެއެވެ.
ދުނިޔޭގެ މަޝްހޫރު ނިއުސް އެޖެންސީން، ރޮއިޓާސްއިން ބުނީ، ލޯނު ދައްކަން ހުރަސްތައް ކުރިމަތިވީ ކޯވިޑް-19ގެ ސަބަބުން ޓޫރިޒަމް ދާއިރާ ހުއްޓި، އާމްދަނީ ލިބޭނެ މަގު ބަންދުވުމުގެ ސަބަބުންކަމަށެވެ. މި ލޯނަކީ ޓީއެމްއޭ ގަތުމަށް އެމެރިކާގެ ބެއިން ކެޕިޓަލްއިން ނެގި ލޯނެކެވެ.
ޓީއެމްއޭއަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ. ބޯޑަރު ހުޅުވާލާ ފަތުރުވެރިން އަންނަން ފެށިނަމަވެސް ކުރިއާ އަޅާބަލާއިރު ފަތުރުވެރިން އަންނަ މިންވަރު ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުން އެ އެއަރލައިންގެ އާމްދަނީއަށް ވަނީ ބޮޑު އަސަރެއްކޮށްފައެވެ.
2017 ގައި ބެއިން އިން ޓީއެމްއޭ ގަތީ 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާއަށް އިތުރު ދެ ކުންފުންޏަކާ ގުޅިގެންނެވެ. ލޯނުގެ ކަންކަން ހަމަޖައްސަން މި އޮގަސްޓްމަހުގެ ނިޔަލަށް ވަގުތު ދިން ކަމަށް ވެސް، ރޮއިޓާސް އިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް