ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ހުއްދަ މިހާތަނަށް 78 ސަފާރީއަކަށް ލިބިއްޖެއެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި ފަތުރުވެރިން އަންނަން ފަށާފައިވާއިރު ޙިދުމަތްދިނުމުގެ ހުއްދަ ދެނީ ގައިޑްލައިންތަކަށް ފެތޭ ސަފާރީތަކަށެވެ.ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ ކޯވިޑް-19 އަށްފަހު ބޯޑަރު އަލުން ހުޅުވާލުމާއިއެކު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 78 ސަފާރީއަކަށް ޙިދުމަތްދިނުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފައިވާކަމަށާއި، މީގެތެރޭގައި އަންނަމަހު ޙިދުމަތަށް ނިކުންނަ ސަފާރީތައްވެސް ހިމެނޭ ކަމަށެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ރިސޯޓްތަކާއިއެކު ސަފާރީތައްވެސް ހުޅުވާލުމަށް ވަނީ ހުއްދަދީފައެވެ.
ސަފާރީތަކުން ހުއްދައަށް އެދޭއިރު ޓޫރިޒަމް މިނިސްޓްރީއަށް ޑެކްލަރޭޝަން ފޯމާއި، އޮޕަރޭޓިންގ ލައިސަންސްއާއި، މީރާގެ ޓެކްސް ކްލިއަރެންސް ފޯމާއި، އެ ސަފާރީއަކުން ސަލާމަތާއި ރައްކާތެރިކަމުގެ މިންގަޑުތައް ގެންގުޅޭނެ ގޮތުގެ ޕްލޭނެއް ހުށައަޅަންޖެހެއެވެ. ޓޫރިޒަމް މިނިސްޓްރީން ހުއްދަދެނީ މިހުރިހާ ކަންކަމަކަށް ރިއާޔަތް ކުރުމަށްފަހުއެވެ.
ހުއްދަ ހޯދުމުގެ މަރުހަލާގައި ގިނަ ވަގުތު ހޭދަވާތީ، ބޯޓިންގ އެސޯސިއޭޝަނުން ސަފާރީތަކަށް އަންގާފައިވަނީ ޙިދުމަތްދޭން ތާވަލްކުރާ ތާރީހުގެ ކުރިން ހުއްދަ ހޯދުމަށް އެދި ހުށައެޅުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް