ކޯވިޑް-19 އާއި ގުޅިގެން މާލޭ ސިޓީ ލޮކްޑައުންކޮށްފައި އޮތް މުއްދަތުގައި ގަވައިދާ ހިލާފުވެގެން ހައްޔަރު ކުރި މީހުންނަށް ދައުވާ ނުުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
ލޮކްޑައުންގެ ގަވައިދާ ހިލާފުވެގެން ފުރަތަމަ ކުރަނީ ޖޫރިމަނާއެވެ. އެކަން ތަކުރާރު ކޮށްގެން582 މީހަކު ހައްޔަރު ކުރި އެވެ.
އޭގެ ތެރެއިން ތަހުގީގު ނިންމައި ދައުވާ ކުރަން ފޮނުވީ 312 މީހުންގެ މައްޗަށެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލޮކްޑައުންއާ ހިލާފުވި މީހުންގެ ތެރެއިން ކޯޓުގައި ދައުވާ ކޮށްފައިވާ މީހުންގެ މައްސަލަތައް އަނބުރާ ގެންނަން ނިންމާފައިވާ ކަމަށެވެ. އަދި ޕީޖީ އޮފީހުގައި ހުރި އެފަދަ މައްސަލަތަކުގައި ދައުވާ ނުކުރަން ނިންމައި، ހުރިހާ މައްސަލަތަކެއް ފުލުހުންނަށް އަނބުރާ ފޮނުވާލަން ނިންމާފައިވާ ކަމަށް ބަޔާނުގައި ވެ އެވެ.
އެ މުއްދަތުގައި ފުލުހުން ހައްޔަރު ކުރި ހުރިހާ އެންމެންގެ ތަހުގީގު ނިންމުމަށް ފަހުު ވަނީ ދޫކޮށްލާފައި އެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ ލޮކްޑައުންއާއި ގުޅިގެން ޖޫރިމަނާ ކުރި މީހުންގެ ޖޫރިމަނާ މައާފުކޮށްދިނުމަކީ ފުލުހުން ތާއީދު ކުރާ ކަމެއް ނޫންކަމަށެވެ. އެއީ ލޮކްޑައުނާ ހިލާފުވެގެން1،000 ރުފިޔާއިން ޖޫރިމަނާ ކުރަނީ ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް މަގުމައްޗަށް ނުކުންނާތީ ކަމަށެވެ.
މި މައްސަލައިގަ ޕީޖީ އޮފީހުންވެސް ވަނީ ޖޫރިމަނާ މައާފު ކުރަން ނުފެންނަ ކަމަށް ނިންމާފައި އެވެ. އެގޮތުން ލޮކްޑައުންއާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަން ކަމާބެހޭ އިދާރާތަކުގައި އެދުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް