ކޮވިޑް-19އާއި ގުޅިގެން ފްރަންޓްލައިނުގައި މަސައްކަތްކުރަމުންދާ އެކި އިދާރާތަކުގެ މުވައްޒިފުންނަށް ސަރުކާރުން ފަރާތްތަކަށް ދޭން ޖެހޭ އެލަވަންސްތައް ދީފައިނުވާތީ ރައްޔިތުންގެ މަޖިލީހަށް ވެއްދި ކުއްލި މައްސަލައަށް ބަހުސްނުކޮށް ތަޅުމުން މައްސަލަ ބޭރުކޮށްލަން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި، އެ މައްސަލަ އަށް ވޯޓު ނެގި އިރު ހާޒިރުވެ ތިއްބެވީ 28 މެމްމަބަރުންގެ ތެރެއިން އެ ކުއްލި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓުދެއްވީ 8 މެމްބަރުންނެވެ. އަދި 14 މެމްބަރުން އެ މައްސަލަ ކުރިއަށް ގެންދަން ނުފެންނަ ކަމަށް ވޯޓުދެއްވި އިރު ވަކި ގޮތަކަށް ވޯޓުދެއްވަން ބޭނުން ނުވާ 3 މެމްބަރުން ތިއްބެވިއެވެ. މި ކުއްލި މައްސަލަ ބަލައިގަންނަން 12 މެމްބަރުންގެ ވޯޓު ބޭނުންވެއެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ކުރީ ސަފުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ހާއްސަ އެލަވަންސް ދޭން ނިންމި ކަމުގައިވިޔަސް، މި އެލަވަންސް މިހާތަނަށް އެއްވެސް ފަރާތަކަށް ލިބިފައި ނުވާތީ އެކަމާއި މެދު ޝިޔާމް ވަނީ އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މިއީ މި މަހުގެ 13 ވަނަ ދުވަހު ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައެކެވެ. މީގެ ކުރިން އެ މައްސަލަ އެޖެންޑާ ނުކުރެވިގެން ދިޔައީ ކުރިން ބޭއްވި ކޮންމެ ޖަލްސާއަކަށް ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައާ އެކު އެހެން މެންބަރުން ވެސް އެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުއްވުމުންނެވެ.
ހަފުތާއެއް ފަހުން ޝިޔާމްގެ ކުއްލި މައްސަލަ ހުށަހެޅުއްވޭ ގޮތް ވުމުން، ބަހުސަށް ހުޅުވާ ނުލައި ތަޅުމުން މައްސަލަ ބޭރުކޮށްލުމުން އޭނާ ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ. ޝިޔާމް ވިދާޅުވީ، ބަހުސް ނުކުރަން ފެންނަ ކަމަށް ބައެއް މެންބަރުން ވޯޓު ދެއްވުމުން އެ ކަމާ ހިތާމަ ކުރައްވާ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ފުރަތަމަ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭން ސަރުކާރުން ނިންމި އެލަވަންސް މިދިޔަ މަހުގެ ފަހުކޮޅު ލިބޭނެ ކަމަށް ކުރިން ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް މިދިޔަ މަހުގެ މުސާރަ ޖަމަވިއިރު އެލަވަންސް ނުލިބުމުން ބައެއް ފަރާތްތަކުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
ފުރަތަމަ ކެޓަގަރީގައި ހިމެނޭ ފަރާތްތަކަށް ދޭން ނިންމީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާ އެވެ. އެ ކެޓަގަރީގައި ހިމެނެނީ ޑޮކްޓަރުންނާއި، ނަރުހުންނާއި، ސާމްޕަލް ނަގާ ފަރާތްތަކާއި، ލެބް ޓެކްނީޝަނުންނާއި، އެފަދަ މީހުން އެއް ތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގައި އުޅޭ ފަރާތްތަކާއި، ރެޕިޑް ރެސްޕޮންސް ޓީމުގައި ހިމެނޭ އޮފިޝަލުން ފަދަ ފަރާތްތެކެވެ.
ދެވަނަ ކެޓަގަރީގައި ހިމެނެނީ މީޑިއަމް ރިސްކް އޮންނަ މީހުން ހިމަނާފައި ވާއިރު، މި ކެޓަގަރީގައި ހިމެނެނީ ކޮވިޑަށް ފައްސިވާ މީހުންނާއި ސީދާ ގޮތެއްގައި މުއާމަލާތްކުރަން ނުޖެހުނު ނަމަވެސް އެގޮތަށް މަސައްކަތް ކުރާ މީހުންނާއެކު މަސަައްކަތް ކުރަން ޖެހޭ މީހުންނެވެ. އެމީހުންނަށް އެލަވަންސެއްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަަހަކަށް 250 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެެ.
ތިންވަނަ ކެޓަގަރީ ހިމަނާފައި ވަނީ، ފުރަތަމަ ދެ ކެޓަގަރީގައި ނުހިމެނޭ އަދި ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި މަދުވެގެން ހަ ގަޑިއިރު މަސައްކަތް ކުރާ ފަރާތްތަކެވެ. އެ މުވައްޒަފުންނަށް މަސައްކަތައް ނުކުންނަ ކޮންމެ ދުވަހަކަށް 200 ރުފިޔާގެ އެލެވަންސްއެއް ދޭން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް