ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކި ކުރަން އިިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.
ޕީޕީއެމް/ ޕީއެންސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގަ ޝަމީމްގެ މަސްލަހަތު ފުށޫއަރާކަމަށެވެ. އޭނާ ވިދާޅުވީ ޝަމީމް އެމަގާމުގައި ހުންނަވައިގެން އެމްއެމްޕީއާރުސީގެ މައްސަލައިގަ ދައުލަތް ތަމްސީލް ކުރެއްވުން އިންސާފުވެރި ކަމާއި އެކު އެ މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ޝަމީމްގެ މި މައްސަލަ ބާ ކައުންސިލަށް ހުށަހަޅާފައިވާއިރު އެ މައްސަލައިގަ ޖިނާއީ ތުހުމަތުތަކެއް ވެސް ހިމެނޭ ކަމަށެވެ. އެހެންވެ، ޝަމީމް އެ މައްސަލަތަކުން ތަނާޒުލްވުމަކުން ނުފެދޭ ކަމަށް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ޝަމީމް ޕީޖީގެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވާނަމަ މަޖިލީހުންވެސް އޭނާ ވަކި ކުރަން ޖެހޭ ކަމަށެވެ. އަދި ބާ ކައުންސިލުން ޝަމީމްގެ މައްސަލަ ވީހާވެސް އަވަހަކަށް ބެލުމަށް ގޮވާލެއްވި އެވެ.
އަދުރޭ ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ އިންސާފުވެރިކޮށް ނުބެލުމުގެ ނަތީޖާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނުހައްގުން އަނިޔާތަކެއް ލިބުން ކަމަށެވެ. މަސްލަހަތު ފުށުއަރާ ޕްރޮސެކިއުޓާ ޖެނެރަލަކު މަގާމުގައި ހުންނަވައިގެން ޔާމީނަށް ދައުވާ އުފުލުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް