ބ. ދަރަވަންދޫގައި އިމަޖެންސީ މެޑިކަލް ސެންޓަރެއް ޤާއިމް ކުރުމަށް އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ. މި ޕްރޮޖެކްޓަކީ އިންޑިޔާ ސަރުކާރުގެ އެހީއާއި ދިވެހި ސަރުކާރުން ޚަރަދު ކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮޖެކްޓެކެވެ.
ހެލްތު މިނިސްޓްރީން މައުލޫމާތުދެއްވާގޮތުގައި މި ޕްރޮޖެކްޓުގެ ޖުމްލަ އަގަކީ 8,450,295.94ރ ރުފިޔާ (އައްމިލިޔަން ހަތަރުސަތޭކަ ފަންސާސް ހާސް ދުއިސައްތަ ނުވަދިހަ ފަސްރުފިޔާ ނުވަދިހަ ހަތަރުލާރި) އެވެ. އަދި މަސައްކަތް އެވޯޑްކުރެވިފައިވަނީ 200 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި ޕްރޮޖެކްޓަށް އިންޑިޔާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 7,469,465.89ރ ( ހަތްމިލިޔަން ހަތަރުސަތޭކަ ފަސްދޮޅަސް ނުވަހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ އައްޑިހަ ނުވަލާރި) އަދި ދިވެހި ސަރުކާރުގެ ބަޖެޓުން 980,830.05ރ ( ނުވަލައްކަ އައްޑިހަ ހާސް އައްސަތޭކަ ތިރީސް ރުފިޔާ ފަސްލާރި) ޚަރަދު ކުރާނެއެވެ.
މި ޕްރޮޖެކްޓުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން އެވެ. އަދި އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުއްލަޠީފް އެވެ.
ހެލްތު މިނިސްޓްރީން ފާހަގަކުރައްވާގޮތުގައި މިވަގުތު ހެލްތު ސެންޓަރުގައި އިމަޖެންސީ ފަރުވާދޭ ބައެއް ހެދިފައި ނެތުމުގެ ސަބަބުން ޢިމަޖެންސީގައި ފަރުވާދޭން ޖެހޭ މީހުންނަށް ފަރުވާ ދިނުމުގައި ވަރަށް ބޮޑަށް ދަތިވެއެވެ. އަދި ބ. އަތޮޅަކީ ގިނަ އަދަދެއްގެ ރިސޯޓް ހިމެނޭ އަތޮޅަކަށް ވުމާއި، ދަރަވަންދޫގައި ޑޮމެސްޓިކް އެއަރޕޯރޓެއް އޮތުމުން އިމަޖެންސީގައި ފަރުވާ ދޭން ޖެހޭ ފަރާތް ތަކަށް މިހާރު ދިމާވާ ދަތި މިޢިމާރާތް ހެދުމުން ޙައްލުވެ ޚިދުމަތް ދިނުމުގައި ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާނެ ކަމަށާއި މި ޕްރޮޖެކްޓުގެ ދަށުން ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި ފުލްފްލެޖް އިމަޖެންސީ ސެންޓަރަކާއި، ޓްރެއިންން ދެވޭނެ ފެސިލިޓީސް އަކާއި، އޮފީސް ޖާގަ އިތުރުވެގެން ދާނެކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް