ވީއައިއޭއަށް ދަތުރު ފަށަން 10 އެއާލައިނަކުން މިހާތަނަށް އެދިއްޖެ

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވާތީ އާންމު ދަތުރުތައް ހުއްޓާލާފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނިއު ނޯމަލްގައި ހުޅުވަން ތައްޔާރުވަމުން ދާއިރު މިހާތަނަށް10 އެއާލައިނަކުން ދަތުރު ކުރުމުގެ ހުއްދައަށް...

21 Jun 2020 | 15:45

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވާތީ އާންމު ދަތުރުތައް ހުއްޓާލާފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނިއު ނޯމަލްގައި ހުޅުވަން ތައްޔާރުވަމުން ދާއިރު މިހާތަނަށް10 އެއާލައިނަކުން ދަތުރު ކުރުމުގެ ހުއްދައަށް އެދިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ) ގެ ބައްދަަލުމުގައި އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްްޓަރު މޫސާ ސޯލިހު ވިދާޅުވީ ނިއު ނޯމަލްގައި ދަތުރު ކުރުމަށް އެއާލައިންތަކުން އެދިފައިވަނީ ހަފްތާއަކު ވަރަށް މަދު ފްލައިޓުތަކެއް ބާއްވާށެވެ. އެކަމަކު ތިން މަސް ފަހުން ފްލައިޓު ބާއްވާ އަދަދު އިތުރު ކުރަން އެއާލައިންތަކުން އެދިފައިވާ ކަމަށެވެ.

ސޯލިހު ވިދާޅުވީ ރާއްޖޭގައި ވައިރަސް ފެތުރުނަސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު، ގިނަ އަދަދެއްގެ މަތިންދާބޯޓު ވީއައިއޭގައި ޖެއްސޭނެ ފެންވަރަށް އެމްއޭސީއެލް އޮތީ ތައްޔާރުވެފަ އެވެ. އެގޮތުން މަތިންދާބޯޓެއް ޖައްސާތާ 20 މިނިޓުގެ ތެރޭގައި އެ ބޯޓެއްގެ ކަންތައްތައް ހަމަޖެއްސުމުގެ ގާބިލުކަން އެ ކުންފުނީގައި އެބަހުރި ކަމަށް ވިދާޅުވި އެވެ.

އެކަމަކު ނިއު ނޯމަލްގައި އެއްފަހަރާ ހިދުމަތް ދޭނީ ދެ ފްލައިޓަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ކުރިން އެއް ފަހަރާ 1،000 މީހުންނަށް ހޭންޑްލް އިންޓަނޭޝަނަލް އެރައިވަލްގައި ގައި ހިދުމަތް ދިން ނަމަވެސް ނިއު  ނޯމަލްގައި އިޖުތިމާއީ ގައިދުރުކަމާއި އެކު ހިދުމަތް ދެވޭނީ ގާތްގަނޑަކަށް 577 މީހުން ވަރު ކަމަށެވެ. އަދި އިންޓަނޭޝަނަލް 1،200 މީހުން ޑިޕާޗާގައި ހިދުމަތް ދެވުނު ނަމަވެސް އަލުން ހުޅުވާއިރު ހިދުމަތް ދެވޭނީ ގާތްގަނޑަކަށް 750 ފަސިންޖަރުންނަށް ކަމަށް ވިދާޅުވި އެވެ.

އެ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށަން ހުށަހަޅާފައިވާ އެއާލައިންތަކުގެ ތެރޭގައި ގަތަރު އެއާވޭސް، އެމިރޭޓްސް، ސްރީ ލަންކަން އަދި އިންޑިގޯ ފަދަ އެއާލައިންތައް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް