ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއިތަކެއް ދެމުން އަންނައިރު، ނިއު ނޯމަލްގައި ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނާއި މާރުކޭޓުތަކުގައި އަމަލުކުރަންޖެހޭ އުސޫލު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފިއެވެ.
މި އުސޫލު އެކުލަވާލާފައިވަނީ ކާބޯތަކެތި އުފައްދާ ތަންތަނާއި، ހޮޓާ ކެފޭ ރެސްޓޯރެންޓްތަކާއި ކާބޯތަކެތި ޑެލިވަރީ ކުރާ ތަންތަނާއި ކާބޯތަކެތި އެއް ތަނުން އަނެއް ތަނަށް އުފުލުމާއި ގުދަންކުރާ ތަންތަނާއި ކާބޯތަކތި ރީޓެއިލްކުރާ ތަންތަނާއި ކާބޯތަކެތި ވިއްކާ މާރުކޭޓުތަކާއި ކެންޓީންތަކަށެވެ.
އުސޫލުގައި ބުނެފައިވާގޮތުގައި ކާބޯތަކެތީގެ ހިދުމަތް ދިނުމުގެ ތެރެއިން ކޯވިޑް-19 ޖެހުމަށް މެދުވެރިވަނީ އެކަމުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަމަލުތަކާ ކަންކަން ބަހައްޓާ ގޮތްތަކަކުންނެވެ. ކޯވިޑް-19 އަކީ ބަލިޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު ބޭރުވާ ކުޅު ނުވަތަ އަރިދަފުހުގެ ޒަރީއާއި އެކަކު އަނެކަކު ގަޔަށް ފެތުރޭ ބައްޔެއްކަން ފާހަގަކޮށް، ކޯވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިތުރުންވެސް ކާބޯތަކެތީގެ ވިޔަފާރި ކުރާ ތަންތަނުން އާންމު ސާފުތާހިރުކަން ދަމަހައްޓައި ކާބޯތަކެތި ރައްކާތެރިކަން ކަށަވަރުކުރުމަށް އާންމު ކުރެވިފައިވާ އުސޫލުތަކާއި މިންގަނޑުތައް ހިފަހައްޓަންވާނެކަން އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ރައްކާތެރިކަމާއެކު ރެސްޓޯރަންޓް، ކެފޭ ފަދަ ތަންތަނުގައި ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރަންވީ ގޮތާއި މުވައްޒަފުންގެ ސިއްހަތާއި އަމިއްލަ ރައްކާތެރިކަމަށް އަމަލުކުރަންވީ ގޮތާއި ބަލިވެ އުޅޭ މުވައްޒަފުންނާމެދު އަމަލުކުރަންވީ ގޮތް މި އުސޫލުގައި ބުނެދީފައިވެއެވެ.
އަދި ޑެލިވަރީ ކުރުމާއި ރީޓެއިލް ކުރުމުގައި އަމަލުކުރަންޖެހޭ ގޮތާއި މާރުކޭޓުތަކާއި ކެންޓީނުތަކުގައިވެސް މި ހާލަތުގައި އަމަލުކުރަންޖެހޭގޮތް ބަޔާންކޮށްފައިވެއެވެ.
ކޯވިޑް-19 އާއި ގުޅިގެން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު
ފުރަބަންދަށް ލުއިތަކެއް ދެމުން އަންނަނީ މަރުހަލާ ތަކަކަށް ބަހާލައިގެންނެވެ. މިހާރު ލުއި ދީފައިވަނީ ދެވަނަ މަރުހަލާގައެވެ. މި މަރުހަލާގައި ކެފޭ ރެސްޓޯރެންޓްތަކަށް ހުއްދަ ދީފައިވަނީ ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް ދިނުމަށެވެ. ނަމަވެސް ޖުލައި މަހު ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން އާންމުކޮށް ހުޅުވާލުމުގެ ހުއްދަ ދޭން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް