އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ސަރުކާރުގެ އިސްވެރިންގެ މައްސަލަ ނުބަލަން ނިންމައިފިކަމަށްބުނެ ދިޔަރެސްގައި ލިޔެފައިވަނީ ދޮގު ވާހަކަތަކެއް ކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އެ އޮފީހުން މިހެން ބުނެފައިވަނީ މިކަމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ "މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ހިމެނޭ މިއަދުގެ ސަރުކާރާއި ވެރިކަންކުރާ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މައްސަލަތައް ނުބަލަން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީން، އެ މައްސަލައިގާ ހަރަކާތްތެރިވާ ޕީޖީ އޮފީހުގެ މުވައްޒަފުންނަށް އިރުޝާދު ދީފައިވާކަމަށް" އޮތް ލިޔުމަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކައެއް ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވާގޮތުގައި ގާނޫނުތައް ތަރުތީބުވެފައިވާގޮތުން، ތަހްގީގީ އިދާރާތަކަކީ ގާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ހަމަތަކާ އެއްގޮތަށް މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ތަހްގީގުކުރުމުގެ ބާރު ލިބިދީފައިވާ އިދާރާތަކެކެވެ. ޖިނާއީ މައްސަލަތައް ތަހްގީގު ކުރުމާއިމެދު ގޮތް ނިންމުމާއި، ތަހްގީގު ނުކުރުމަށް ނިންމުންފަދަ ނިންމުންތަކަކީ ތަހްގީގީ އިދާރާތަކުގެ ބާރުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށާއި އެއީ ޕްރޮސެކިއުޓަރ ޖެނެރަލް ކުރައްވާ ކަމެއް ނޫން ކަމުގައި އެ ބަޔާނުގައި ބުނެފައިވެއެވެ.
"އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގާ ހިމެނޭ އެއްވެސް މީހެއްގެ ބައި ތަހްގީގު ނުކުރުމަށް، ނުވަތަ އެ މައްސަލައާ ގުޅުންހުރި އެއްވެސް މީހެއްގެ މައްސަލައެއް މި އޮފީހަށް ބަލައިނުގަތުމަށް، ނުވަތަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އެއްވެސް އިރަކު އެއްވެސް މީހަކަށް ނުވަތަ އިދާރާއަކަށްވިޔަސް އަންގާފައެއް ނުވަތަ އިރުޝާދު ދެއްވާފައެއް ނުވޭ" ޕީޖީ އޮފީހުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އަދި އެ އޮފީހަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ނިންމާ އެންމެހައި ނިންމުންތަކާއި، މައްސަލަތަކާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ދެއްވާ އިރުޝާދުތަކަކީ ލިޔުމުން ފެންނަން ހުންނާނެ ކަންކަން ކަމަށާއި އެފަދަ ކަމެއް އޮތްނަމަ އެކަމެއް އޮންނާނޅީ ލިޔުމުން، ސޮއި ކޮށްފައި ކަމުގައިވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި މިނިވަން ނޫސްވެރިކަމުގެ މައިގަނޑު އެއް ބަހާއަކީ ދެފަރާތުގެ ބަސް ހިމަނައިގެން، ތެދު ހަބަރުތައް ޝާއިއުކުރުމެވެ. ނަމަވެސް ޕީޖީއަށް ނިސްބަތްކޮށް، ޕީޖީ އާއި އެ އޮފީހާއިމެދު އާންމުންގެ މެދުގައި އިތުބާރު ގެއްލޭގޮތަށް "ދިޔަރެސް"ގައި ދޮގު ލިޔުމެއް ޝާއިއުކުރިއިރު އެ ލިޔުމާ ގުޅޭގޮތުން އެ އޮފީހުގެބައެއް ހޯދާފައެއް ނުވެއެވެ.
"މިއީ ނޫސްވެރިކަމުގެ އެތިކްސް އާއި ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސް އާއި ކަނޑައެޅިގެން ހިލާފު އަމަލެކެވެ. މި ދެންނެވި ވެބްސައިޓްގައި އޮތް ލިޔުމަކީ ޕީޖީ އާއި ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު ގެއްލޭގޮތަށް ހަގީގަތާ ހިލާފު ވާހަކަތަކެއް ޝާއިއުކޮށްފައިވާ ލިޔުމަކަށް ވާތީ، އެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހެޅުމަށް ވަނީނިންމާފަ" ޕީޖީ އޮފީހުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގެ ހައިސިއްޔަތުން ނިންމަވާ ނިންމެވުންތަކަކީ މިނިވަންކަމާއި މުސްތަގިއްލުކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ގާނޫނާއި، ދިވެހި ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން އޭގެ ހަގީގީ މާނައިގާ ރައްކާތެރިކޮށް ނެގެހެއްޓުމަށްޓަކައި ނިންމަވާ ނިންމެވުންތަކެއްކަމުގެ ކަށަވަރުކަން ދިވެހިރައްޔިތުންނަށް އަރުވާކަމަށާއި އަދި އެމްއެމްޕީއާރުސީގެ މައްސަލައިގާވެސް އަދުލު އިންސާފު ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އެއްވެސް އިސްތިސްނާއެއްނެތި ކުރަމުންގެންދާނެ ކަމުގައިވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް