ކްރިމިނަލް ކޯޓު ޑިސްއިންފެކްޓު ކުރުމަށް މިއަދާއިި މާދަމާއަށް ތާވަލްކޮށްފައި ހުރި ހުރިހާ ޝަރީއަތްތަކެއް ކެންސަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ މުވައްޒަފަކު އިއްޔެ ވަނީ ކޯވިޑް-19 އަށް ޕޮސިޓިވްވެފައި އެވެ.
އެ ކޯޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޑިސްއިންފެކްޓު ކުރުމަށް މިއަދާއި މާދަމާ ކޯޓު ބަންދު ކުރިޔަސް ކެންސަލްވާނީ ކޯޓަށް ހާޒިރުވެގެން ކުރިޔަށް ގެންދާ ޝަރީއަތްތައް ކަމަށެވެ. އެކަމަކު ބަންދާ މެދު ގޮތެއް ނިންމުމާއި އަމުރުތައް ނެރުމުގެ މަސައްކަތް ފަނޑިޔާރުންނާއި މުވައްޒަފުން ގޭގައި ތިބެގެން އޮންލައިންކޮށް ކުރިއަށް ގެންދާނެ ކަމަށެވެ.
އެ ކޯޓުން ބުނީ މުވައްޒަފަކު ޕޮސިޓިވްވިޔަސް ކޯޓުގެ މަސައްކަތްތައް ކޯވިޑާއި ގުޅިގެން ރާވާފައި ހުންނާނީ ގިނަ މުވައްޒަފުންތަކެއް އައިސޮލޭޓްވާން ނުޖެހޭނެ އިންތިޒާމެއްގެ ދަށުން ކަމަށެވެ. އެގޮތުން ފަނޑިޔާރުންނާއި މުވައްޒަފުން ކޯޓަށް ނުކުމެ މަސައްކަތް ކުރަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށާއި ކޮންމެ ދަންފަޅިއެއްގައި ނުކުންނަނީ ޝަރީއަތް ކުރާ ދެ ސެކްޝަނުން ކަމަށް ބުނެ އެވެ.
އަދި އެޗްޕީއޭގެ ގަވައިދަށް ފުރިހަމައަށް ކްރިމިނަލް ކޯޓުގައި އަމަލު ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ އޮފީހުން ޕޮސިޓިވްވި މުވައްޒަފާއި ގުޅުން ހުރި މީހުން ދެނެގަނެ ނިމިފައިވާކަމަށެވެ. އެކަމަކު އެއީ ކިތައް މީހުން ކަމެއް ހާމައެއް ނުކުރެ އެވެ.
ކްރިމިނަލް ކޯޓުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފަކު ޕޮސިޓިވްވެގެން އެ އިދާރާވެސް ވަނީ ޑިސްއިންފެކްޓު ކޮށްފައި އެވެ. އެ މުވައްޒަފާއި ގުޅުންހުރި މަޖިލީހުގެ 29 މުވައްޒަފަކު ތިބީ އައިސޮލޭޝަންގައި ބައިތިއްބާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް