އައްޑޫ ސިޓީގެ އަވަށްތަކުގައި އުޅެމުންދާ ބިދޭސީން ރަޖިސްޓްރީ ވާން އަންގައިފި އެވެ.
އެ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބިދޭސީން ރަޖިސްޓްރީ ވާން ޖެހެނީ އެމީހަކު އުޅޭ އަވަށެއްގެ އަވަށު އޮފީހުގައި ކަމަށެވެ.
އައްޑޫއަށް ބިދޭސީއަކު ގެނައުމުގެ ކުރިން އެބިދޭސީއަކު އައްޑޫ އަށް ގެންނަ ފަރާތަކުން އެ އަވަށެއްގެ އަވަށު އޮފީހުގައި ރަޖިސްޓަރީކުރަންވާނެ ކަމަށް ބުނެފައިވެ އެވެ. އަދި ބިދޭސީ އަކު ފޮނުވާލުމުުގެ ކުރިންވެސް އެ އަވަށެއްގެ އަވަށު އޮފީހަށް އަންގަންވާނެ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގޭގޭގައި ބޭތިއްބުމަކީ މަނާކަމެއް ކަމަށެވެ. އަދި ކައުންސިލްގައި ރަޖިސްޓްރީ ނުވެ ގަވައިދާ ހިލާފަށް ލިޔެކިޔުންތައް ނެތި އެ ސިޓީގައި މަސައްކަތް ކުރާ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ސަރުކާރާއި ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
ބިދޭސީން ރަޖިސްޓްރީ ކުރުމަށް އަދި ރީރަޖިސްޓާ ކުރުމަށް އެދޭ ފޯމު ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ. އީމެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލުމަށް ސަރުކާރުން ވަނީ ޕްރޮގްރާމެއް ފަށާފައި އެވެ. ތިން މަސް ދުވަސްތެރޭގައި 5،000 މީހުން ފޮނުވާލުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
މިހާތަނަށް 2،000 އަށް ވުރެ ގިނަ މީހުން ފޮނުވާލާފައިވާއިރު އެ އެންމެންނަކީ މާލޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝް މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް