މިދިޔަ ފެބްރުއަރީ މަހު އިއުލާނު ކުރި މަތީ ތައުލީމްގެ ލޯން ލިބުނު ދަރިވަރުންގެ ލިސްޓު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ފެބްރުއަރީ މަހު ލޯނަށް ހުޅުވާލުމުން ކުރިމަތިލި ދަރިވަރުންގެ ތެރެއިން ލޯން ލިބޭ ދަރިވަރުންގެ ލިސްޓު މިދިޔަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުގެ ކުރިން އާންމު ކުރާނެ ކަމަށް ބުނެފައިވެ އެވެ. އެކަމަކު އެ ތާރީހު ވަނީ ކޯވިޑް-19 އާއި ގުޅިގެން ފަސްކުރެވިފައި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މީޑީއާގައި ބުނެފައިވާގޮތުގައި މާގިނަ ދުވަހެއް ނުވެ އެ ލޯނު ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލު ކުރާނެ އެވެ. އެކަމަކު ސީދާ ވަކި ތާރީހެއްގެ ކުރިން ހަވާލު ކުރެވޭނޭ ކަން އަދި ބުނަން ނޭނގޭ ކަމަށް ބުނެފައިވެ އެވެ.
އެ ލޯނަށް ކުރިމަތިލި ދަރިވަރުން މިހާރު ގެންދަނީ ލޯނު ލިބޭނެ ކަމުގެ ޔަގީންކަން ނުލިބޭތީ ޝަކުވާ ކުރަމުންނެވެ. އެއީ ބައެއް ގައުމުތަކުގައި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާތީ އެވެ.
ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު މި ލޯން ސްކީމްގެ ދަށުން ލިބެ އެވެ. މި ސްކީމަށް ޖުމްލަ 151 މިލިއަން ރުފިޔާ ބަޖެޓުކޮށްފައި ވެ އެވެ.
މި ލޯނަށް އެދި މުއްދަތު ހަމަވިއިރު 1،300 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލާފައިވެ އެވެ. ލޯން ދިނުމަށް ހަމަޖެހިފައިވަނީ 550 ދަރިވަރަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް