ބޮލީވުޑްގެ ނުފޫޒުގަދަ ފަރާތްތަކަށް ސޯޝަލް މީޑިއާ ދޫކޮށްލަން މަޖުބޫރު ވަނީ

ބޮލީވުޑްގެ މަޝްހޫރު ފަންނާނުންގެ ތެރެއިން ސޯޝަލް މީޑިއާގައި އެންމެ ނުފޫޒު ގަދަ ބައެއް މީހުންނަށް ސޯޝަލް މީޑިއާއާއި ދުރަށްދާން މަޖުބޫރު ވާން ފަށައިފި އެވެ. ކުރިއަރަމުން އައި ބޮލީވުޑްގެ އެކްޓަރު ސުޝާންތ...

21 Jun 2020 | 06:25

ބޮލީވުޑްގެ މަޝްހޫރު ފަންނާނުންގެ ތެރެއިން ސޯޝަލް މީޑިއާގައި އެންމެ ނުފޫޒު ގަދަ ބައެއް މީހުންނަށް ސޯޝަލް މީޑިއާއާއި ދުރަށްދާން މަޖުބޫރު ވާން ފަށައިފި އެވެ.

ކުރިއަރަމުން އައި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގ ރާޖްޕުޓް އަމިއްލައަށް ދަން ޖެހިގެން މަރުވި ހާދިސާ އާއި ބޮލީވުޑްގެ ނުފޫޒު ގަދަ ފަރާތްތަކާއި ދަނީ ގުޅުވަމުންނެވެ. އެގޮތުން ސުޝާންތައް ފިލްމުތައް ނުލިބޭނެ ގޮތް ހެދުމަށް މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު ފަދަ މީހުން މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތު ދަނީ ކުރެވެމުންނެވެ.

ސުޝާންތުގެ މަރާއި އެކު ކަރަންނާއި ބޮލީވުޑްގެ މަޝްހޫރު އާއިލާތަކަށް ނިސްބަތްވާ އެކްޓަރުންނާއި އެކްޓްރެސްއިންނަށް ދަނީ ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. އަދި ސުޝާންތުގެ މަރުގެ ޒިންމާ އެމީހުން ނަގަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ސުޝާންތުގެ މަރާއި ގުޅިގެން އޭނާގެ ސަޕޯޓަރުންގެ ފަރާތުން ކުރިމަތިމަވުންދާ ނުރުހުމުގެ ބަސްތަކާއި ބޮޑެތި އިލްޒާމްތަކުގެ ސަބަބުން ފިލްމީ އާއިލާއަކަށް ނިސްބަތްވާ ސޮނާކްޝީ ސިންހާ ވަނީ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓު ޑީއެކްޓިވޭޓުކޮށްފައި އެވެ. ސޮނާކްޝީ އެންމެ ފަހުން ބުނެފައިވަނީ އޭނާ އާއި ދެކޮޅަށް ދައްކަމުންދާ ވާހަކަތަކާއި ދުރަށް ޖެހިލަން ބޭނުންވާ ކަމަށެވެ.

ސޯޝަލް މީޑީއާގައި ސޮނާކްޝީއަށް ފާޑުކިޔުން އަމާޒުވާން ފެށީ ސުޝާންތުގެ މަރާއި ގުޅިގެން އޭނާ ކުރި ޕޯސްޓަކުންނެވެ. އޭގައި ބުނެފައިވަނީ ސުޝާންތުގެ މަރާ ގުޅިގެން ބައެއް މީހުން އާންމުންގެ ސަމާލުކަން ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސުޝާންތުގެ މަރާއި ގުޅިގެން އެންމެ ބޮޑަށް ހޫނު ފެނަށް ވެއްޓިފައިވާ ކަރަން ވަނީ އޭނާ ޓުވިޓާގައި ފޮލޯ ކުރަމުންދިޔަ ގިނަ އަދަދެއްގެ ބަޔަކު ރިމޫވްކޮށްލާފައި އެވެ. މިހާރު އޭނާ ފޮލޯ ކުރަނީ ގާތް ގަނޑަކަށް އަށް މީހުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ފިލްމީ ގިނަ ތަރިން ރިމޫވްކުރީ އޭނާ އާއި ސުޝާންތުގެ މަރާ ގުޅުވައި ދެކޮޅަށް ވާހަކަދައްކާތީ ކަމަށް ވެ އެވެ.

އިންސްޓަގްރާމްގައިވެސް ކަރަން އޮތް ސަޕޯޓު ދަނީ ގެއްލެމުންނެވެ. ސުޝާންތުގެ ސަޕޯޓަރުން ކުރަމުންދާ އެންޓީ ކެމްޕެއިން ތަކާއި ގުޅިގެން ކަރަންގެ ޕޯސްޓުތައް ފޮލޯ ކުރަމުންދިޔަ ފަސް ލައްކައަށްވުރެ ގިނަ މީހުން ވަނީ ހަފްތާއެއް ތެރޭގައި އޭނާ އަންފޮލޯކޮށްފައިވެ އެވެ. ދެން އެންމެ ގިނަ ސަޕޯޓަރުން އަން ފޮލޯކޮށްފައިވަނީ މަޝްހޫރު ޑައިރެކްޓަރު މަހޭޝް ބަޓްގެ ދަރިފުޅު އާލިއާ ބަޓް އެވެ.

އާލިއާ ފޮލޯ ކުރާ ސަޕޯޓަރުންގެ ތެރެއިން 10 ލައްކައަށްވުރެ ގިނަ މީހުން އަންފޮލޯކޮށްފައިވެ އެވެ. ސުޝާންތުގެ މަރާ ގުޅިގެން ކަރަން ޖޯހަރުގެ އިތުރުން ޑައިރެކްޓަ މަހޭޝް ބަޓް އަކީ އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވާ ފަރާތެވެ.

ސުޝާންތުގެ މަރުވުމާއި ގުޅިގެން ކަރަން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސުޝާންތާއި އެކު މަސައްކަތް ނުކުރެވުނީތީ އަމިއްލައަށް އެކަމުގެ ޒިންމާ ނަގާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް