ސްކޫލްތަކުގައި ބޭނުން ކުރާ މާސްކުތަކުގައި ފުރިހަމަ ވާންޖެހޭ ކަންކަން ހާމަކޮށްފި

ނިއު ނޯމަލްގައި ސްކޫލްތަކަށް ދަރިވަރުންނާއި މުވައްޒަފުން ދާއިރު ބޭނުން ކުރާ މާސްކުގައި ފުރިހަމަވެފައި ހުންނަން ޖެހޭ ކަންކަން އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ. ސްކޫލްތަކަށް ދަރިވަރުން މާސްކުއަ...

21 Jun 2020 | 05:54

ނިއު ނޯމަލްގައި ސްކޫލްތަކަށް ދަރިވަރުންނާއި މުވައްޒަފުން ދާއިރު ބޭނުން ކުރާ މާސްކުގައި ފުރިހަމަވެފައި ހުންނަން ޖެހޭ ކަންކަން އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.

ސްކޫލްތަކަށް ދަރިވަރުން މާސްކުއަޅައިގެން ދާން ޖެހޭގޮތަށް މިނިސްޓްރީން ހަމަޖެއްސުމާއި އެކު ބައެއް ތަންތަނުން ވަނީ ސްކޫލްތަކުގެ ލޯގޯ ޖަހައިގެންނާއި، ކާޓޫން ކެރެކްޓާތައް ޖަހައިގެން ކުޑަކުދިންނަށް ހާއްސަ މާސްކުތަކެއް ފަހައި ވިއްކަން އިޝްތިހާރުކޮށްފައި އެވެ. މިކަމާ ގުޅިގެން އެޑިއުކޭޝަން މިިނިސްޓްރީން ވަނީ މާސްކުގައި ސްކޫލް ލޯގޯ ބޭނުން ނުކުރެވޭނެ ކަމަށް އަންގާފައި އެވެ.

އޭގެ ފަހުން ރޭ އެ މިނިސްޓްރީން ވަނީ ސްކޫލްތަކަށް ދާއިރު އަޅަން ޖެހޭ މާސްކުގައި ފުރިހަމަވާން ޖެހޭ ކަންކަމާއި ގުޅޭ މައުލޫމާތުތަކެއް އާންމުކޮށްފައި އެވެ.

އޭގައި ބުނެފައިވާގޮތުން ސްކޫލަށް ދާއިރު ސާޖިކަލް މާސްކު ނުވަތަ ފޮތި މާސްކު އެޅިދާނެ އެވެ. ފޮތި މާސްކު އަޅާނަމަ މާސްކު ފަހާފައިވާ ފޮއްޗަކީ ރޮދި ކައިރިކޮށް ވިޔެފައި ހުންނަ، ނޭވާލާން ފަސޭހަ ފޮއްޗަކަށް ވާންޖެހެ އެވެ.

މާސްކުގެ ބޭރުފަށަލަ ހަދާފައި ހުންނަން ވާނީ ފަސޭހައިން ފެން ނުފާއްދާ ފޮއްޗަކުން އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާވެ، ބަންދުވާގޮތަށެވެ. ތިން ފޮތި ފަށަލަ ބޭނުންކޮށްގެން ފަހާފައި ހުންނަ މާސްކަން ވާންޖެހޭނެ ކަމަށާއި ބާރު ނުވަތަ ދޫވެގެން އަބަދު މާސްކުގައި އަތްލާން ޖެހޭ ފަދަ މާސްކަކަށް ވެގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

ދަރިވަރުންނާއި މުވައްޒަފުން ބޭނުން ކުރާ މާސްކުގައި އެއްވެސް މަންޒަރެއް ޖަހާފައި ހުރެގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ. އެޑިއުކޭޝަނުން ބުނީ ސްކޫލްތަކުގައި އަޅާ މާސްކަކީ އެކި ކުލަކުލައިގެ ފޮތިން ފެހިނަމަވެސް ޕްލޭން ފޮތީގައި ފަހާފައިވާ މާސްކަށް ވާންޖެހޭނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ ސްކޫލަށް ވަދެ ނުކުމެވާ ހުރިހާ އެންމެން މާސްކު އަޅަންޖެހޭނެ ކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދު ކުރިތާ ތިން މަހެއްހާ ދުވަސް ފަހުން ސްކޫލްތައް ހުޅުވަން ނިންމާފައިވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލްތައް ފަށަން ނިންމާފައިވަނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި އެކުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް