ކޯވިޑް ނެތް ރަށްރަށުގައި މާދަމާ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރާނެ

ކޯވިޑް-19 ގެ ކޭސްއެއް ފެނިފައި ނުވާ ރަށްރަށުގައި މާދަމާ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރަން ފަށަން ނިންމައިފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމ...

21 May 2020 | 17:35

ކޯވިޑް-19 ގެ ކޭސްއެއް ފެނިފައި ނުވާ ރަށްރަށުގައި މާދަމާ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރަން ފަށަން ނިންމައިފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލީ ސިއްހީ މާހިރުންގެ ލަފާއާއި އިރުޝާދާއި އެއްގޮތަށް ކަމަށެވެ. އަދި އަލުން ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދޭން ނިންމީވެސް ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށް ކަމަށެވެ.

މިނިސްޓަރި ވިދާޅުވީ މާދަމާއިން ފެށިގެން ޖަމާއަތުގައި ނަމާދު ކުރަން ފަށާނީ ލޮކްޑައުން އާއި މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައި ކަމަށެވެ. އަދި އެ ރަށްރަށުގެ އަދަދަށް ބަދަލެއް އަންނަ ނަމަ މިނިސްޓްރީން ކައުންސިލްތަކަށް އަންގާނެ ކަމަށެވެ.

ލޮކްޑައުނަށް ލުއިދޭން ނިންމައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދޭން ޑޮކްޓަރުންގެ ޓީމުން ލަފާދީފައިވަނީ ވަކި އުސޫލުތަކެއްގައި ހިފަހައްޓާގޮތަށެވެ. މިނިސްޓަރު ވިދާޅުވީ ސިއްހީ މާހިރުންގެ ލަފާ އާއި އެއްގޮތަށް އަމަލު ކުރުމުގެ ގޮތުން ޖަމާއަތުގައި ނަމާދު ކުރާއިރު ހަ ކަމަކަށް ސަމާލުކަން ދީ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.

ޖަމާއަތުގައި ނަމާދު ކުރާއިރު އަޅާފައި ހުންނަން ޖެހޭ ފިޔަވަޅުތައް:

އުމުރުން ދުވަސްވީ މީހުން މިސްކިތަށް ޖަމާއަތަށް ނަމާދަށް ނުދިއުން،

ރޯގާ އާއި ހުމުގެ އަސަރު ހުންނަ މީހުން މިސްކިތުގެ ޖަމާއަތަށް ނުދިއުން

މިސްކިތަށް ނަމާދަށް ދާއިރު ގެއިން މުސައްލައެއް ގެންދިއުން

ގެއިން ވުޟޫކޮށްގެން ދިއުން

އަނގަ އާއި ނޭފަތް ފޮރުވޭ ގޮތަށް މާސްކު އަޅައިގެން ދިއުން ހިމެނެ އެވެ.

މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވީ މިފަދަ ހާލަތެއްގައި ކުރިއެކޭވެސް އެއްގޮތަށް މިސްކިތްތަކުގެ ސާފުތާހިރުކަން ގަވައިދުން ބެލެހެއްޓެމުންދާނެ ކަމަށެވެ. ހުރިހާ ގަޑިއެއްގައި މިސްކިތްތައް ހުޅުވާފައި ހުންނާނެ ކަމަށާއި ދުވާލު ދެއިރު މިސްކިތްތައް މޮޕު ކުރާނެ ކަމަށެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ ލޮކްޑައުނަށް ލުއިދެމުންދާނީ ދެމުންދާ ލުއިތަކުގެ ބޭނުން އާންމުން ރަނގަޅަށް ހިފައި ފިޔަވަޅުތަކާއި އެއްގޮތަށް އަމަލު ކުރާ ނަމަ ކަމަށެވެ. އެގޮތުން ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމުގެ ގޮތުން އަމަލު ކުރުމަށް އަންގާފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލު ނުކުރާ ނަމަ އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް ޖަމާއަތުގައި ނަމާދު ކުރުން ހުއްޓުވާނެ ކަމަށް ޑރ. މުރާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށް ހުރިހާ ފަރާތްތަކަކުން އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ.

ޖަމާއަތުގައި ނަމާދު ކުރުން ފުރަތަމަ ހުއްޓާލީ މާލެ އާއި ރިސޯޓުތަކުގަިއ މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހު އެވެ. އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލީ މިދިޔަ މަހުގެ19 ވަނަ ދުވަހު އެވެ.

އެ ފިޔަވަޅު އެޅީ ގިނަ ބަޔަކު އެއްތަނަކަށް އެއްވުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން ކޯވިޑާއި ދެކޮޅަށް އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން ނިންމީ އިސްލާމީ ފަތުވާދޭ މަޖިލީހާއި ދީނީ އިލްމުވެރިންނާއި މަޝްވަރާ ކޮށްފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް