ކޯވިޑް-19 އާއި ގުޅިގެން ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކުރިއަށްގެންދާ ގޮތާއި ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުން އަންނަ މައްސަލައިގާ މިހާތަނަށް ފާހަގަކުރެވޭ ބައެއް ކަންތައްތަކުގެ ހުލާސާ ރިޕޯޓެއް އާންމުކޮށްފިއެވެ.
އެގޮތުން 149 ވެންޓިލޭޓަރެއް ގަތުމަށް ތިން ކުންފުންޏަކާ ހަތަރު އެއްބަސްވުމެއްގެ ދަށުން ހަވާލުކޮށްފައިވާއިރު އަދި ރާއްޖެ ގެނެވިފައިވަނީ 22 ވެންޓިލޭޓަރުކަން ބަޔާންކޮށް އެ ކުންފުނިތަކާއި ހަވާލުކުރުމުގައި ކަންކަން ހިނގާފައިގޮތުގެ ބައެއް ތަފްސީލުތައް މި ހުލާސާ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
ޓްރާންސްޕޯޓަބަލް ހަތަރު ވެންޓިލޭޓަރާއި ބެހޭގޮތުން އޭސީސީން ފާހަގަކޮށްފައިވާ ކަންކަން
މިގޮތުން ޓްރާންސްޕޯޓަބަލް ހަތަރު ވެންޓިލޭޓަރު ހޯދުމަށް ނާޑު ޕްރައިވެތް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މާލިއްޔަތު ގާނޫނުގައި ބަޔާންކޮށްފައިވާ ރެސްޓްރކްޓެޑް ޓެންޑަރިން އުސޫލުން ކަމަށް ބުނެފައިވެއެވެ. އަދި ބިޑް ހުށަހެޅުމަށް 16 ފަރާތަކަށް ރިކުއެސްޓް ފޮނުވިކަމާއި ޕްރީ ބިޑް ބައްދަލުވުން، ބިޑަށް ހުޅުވާލި ރޭގައި ބާއްވައި ބިޑުތައް ޖެހިގެން އައި ދުވަހު ބަލައިގެންފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި އެއީ ދައުލަތުގެ މާލިއްޔަތު ގަބާއިދުގައި ރެސްޓްރިކްޓެޑް ޓެންޑަރިންއެއްގައި ދިނުމަށް ބަޔާންކޮށްފައިވާ ކުރު މުއްދަތެއްކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް ކުއްލި ހާލަތެއް ނުވަތަ ކުއްލި ހާލަތުގެ ޕްރޮކިއުމެންޓްގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ބަޔާންކުރާ ހާލަތެއް މެދުވެރިވެގެން ކުރިއަށްގެންދާ ޕްރޮކިއުމެންޓްތަކުގައި މާލިއްޔަތު ގަވާއިދުގައި ކަނޑައަޅާފައިވާ އެންމެ ކުރު މުއްދަތަށް އަމަލުކުރުން ލާޒިމު ނޫންކަން ވެސް ފާހަގަކޮށްފައިވެއެވެ.
މި ހަތަރު ވެންޓިލޭޓަރު 10 ދުވަހުގެ ތެރޭގައި ސަޕްލައިކޮށްދޭން ޖެހޭނެ ކަމަށް މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވީނަމަވެސް އެ މުއްދަތަށް ފެތޭގޮތަށް ބިޑު ހުށަހަޅާފައިވަނީ ނާޑުން އެކަނިކަން އޭސީސީން ފާހަގަކޮށްފައިވެއެވެ. އަދި ޓްރާންސްޕޯޓަބަލް ހަތަރު ވެންޓިލޭޓަރު ސަޕްލައި ކޮށްދިނުމަށް ހެލްތު މިނިސްޓްރީއާއި ނާޑާއިދެމެދު މާރިޗް އަށެއްގައި ސޮއިކޮށްފައިވީނަމަވެސް އެއްވެސް ފައިސާއެއް އަދި ދޫކޮށްފައިނުވާކަން ފާހަގަކޮށްފައިވެއެވެ.
10 ދުވަހުގެ ތެރޭގައި ސަޕްލައިކޮށްދޭން ޖެހޭއިރު މުއްދަތު 01 އޭޕްރީލަށް އިތުރުކޮށްދޭން ނާޑުން އެދުމުން ހެލްތުގެ ބިޑް ކޮމިޓީން އެކަން ކޮށްދީފައިވާކަން ފާހަގަކޮށްފައިވެއެވެ.
މި ހަތަރު ވެންޓިލޭޓަރާއިމެދު ފާހަގަކޮށްފައިވާ މުހިންމު އެއް ކަމަކީ ނާޑަށް މި ޕްރޮކިއުމެންޓް ލިބުމުގެ އެންމެ ބޮޑު އެއްސަބަބަކީ އެހެން ސަޕްލަޔަރުންނަށްވުރެ ކުރު މުއްދަތެއް ހުށަހަޅައިގެން، މުއްދަތުގެ ބައިން އިވެލުއޭޝަންގައި ގިނަ ޕޮއިންޓް ލިބިފައިވުން ކަމަށްވެފައި، އެ ކުންފުންޏާއެކު މިނިސްޓްރީ އޮފް ހެލްތުން ވެންޓިލޭޓަރ ސަޕްލައިކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީވެސް ކޮވިޑް-19 ގެ މިހާލަތު ދުނިޔެއަށް ދިމާވެ، އެކަމުގެ ދަތިކަން އެކި މިންވަރަށް ކުރިމަތިވެފައިވާ ދުވަސްވަރެއްގައިކަމަށް ވުމުން އެ ކުންފުނިން ހުށަހަޅާފައިވާ މުއްދަތަކީ އެ ޙާލަތު ދެނެތިބެ ހުށަހަޅާފައިވާ މުއްދަތެއްކަމަށް ބެލެވޭކަން އޭސީސީން ހާމަކޮށްފައިވެއެވެ.
އަދި މުއްދަތަށް ތަކެތި ޑެލިވަރނުކުރެވިގެން މުއްދަތު އިތުރުކޮށްދޭ ޙާލަތުގައި، ހަމައެކަނި ކޮންޓްރެކްޓަރ ހުށަހަޅާ ސިޓީއަކަށް ބަލައި މުއްދަތު އިތުރުކޮށްދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމާއި މުއްދަތު އިތުރުކުރަންހުށަހަޅާ ސަބަބު މިނިސްޓްރީގެ ފަރާތުން ކަށަވަރުކުރަންޖެހޭނެކަންވެސް އޭސީސީން ހާމަކޮށްފައިވެއެވެ.
މި ހަތަރު ވެންޓިލޭޓަރު 20 އޭޕްރީލްގައި ހަވާލުކޮށްފައިވާއިރު މިތަކެތި ޑެލިވަރ ކޮށްފައިވަނީ އިތުރުކޮށްދިން މުއްދަތަށްވުރެވެސް 20 ދުވަސް ފަހުންކަންވެސް އޭސީސީން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ސިންގަލް ސޯސް ޕްރޮކިއުމެންޓްގެ އުސޫލުން 145 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ހަވާލުކޮށްފައިވާ ތިން ފަރާތަކީ ހެލްތު މިނިސްޓްރީއަށް އިތުބާރު ހިފޭ ކުންފުނިތަކަށް ބަހާލައިގެން ވެންޓިލޭޓަރު ގެނައުން ރަނގަޅުވާނޭ ކަމަށް އެ މިނިސްޓްރީގެ ޓެކްނިކަލް ބޭފުޅުންނަށް ފެންނާތީ ކަމަށް ހެލްތުން ބުނެފައިވާކަމަށް އޭސީސީން ބުނެފައިވެއެވެ.
50 ވެންޓިލޭޓަރު ހޯދުމާއި ގުޅޭގޮތުން އޭސީސީން ފާހަގަކޮށްފައިވާ ކަންކަން
75 އެނދުގެ އައިސީޔޫ ސެޓަޕަށް ބޭނުންވާ 50 ވެންޓިލޭޓަރު ސަޕްލައިކޮށް އިންސްޓޯލް ކޮށްދިނުމަށް މެޑްޓެކާއި ހަވާލުކޮށްފައިވަނީ ނާޑާއި އެސްޓީއޯއާއި މެޑްޓެކުން ހުށަހަޅާފައިވާ ކޮޓޭޝަންތަކަށް ބެލުމަށްފަހު މިނިސްޓްރީގެ ބިޑް ކޮމިޓީންކަން ފާހަގަކޮށްފައިވެއެވެ. އަދި އެސްޓީއޯއާއި ހަވާލު ނުކުރި ސަބަބު ސިޓީއަކުން ހެލްތުން އެސްޓީއޯއަށް އެންގި ކަން އޭސީސީން ފާހަގަކޮށްފައިވެއެވެ. އަދި ކޯވިޑް-19ގެ ހާލަތާ ގުޅިގެން ގައުމުތައް ލޮކްޑައުން ކުރުމުގެ ކުރިން ހެލްތުން އެސްޓީއޯއާ 25 ވެންޓިލޭޓަރު ސަޕްލައިކުރުމަށް ސަރުކާރުން ދީފައިވާ މުއްދަތު ހަމަވެފައިވާއިރު އަދި ސަޕްލައިކޮށްދީފައިވަނީ 10 ޔުނިވާސަލް ވެންޓިލޭޓަރު (ނިއޯނޭޓަލް އޮޕްޝަން ނުހިމަނާ) ކަން އެސްޓީއޯގެ މައުލޫމާތަށްޓަކައި ހެލްތުން އެންގިކަންވެސް އޭސީސީން ހާމަކޮށްފައިވެއެވެ.
މި 50 ވެންޓިލޭޓަރު ގެނައުމަށް މެޑްޓެކާއެކު 19 މާރިޗްގައި ސޮއިކުރީ 10 ދުވަހުގެ ތެރޭގައި ގެނައުމަށް ކަމާއި އަދި އެއްބަސްވުމުގެ ދަށުން އެއްވެސް ފައިސާއެއް އަދި ކުންފުންޏަށް ދޫކޮށްފައިނުވާކަން އޭސީސީން ފާހަގަކޮށްފައިވެއެވެ.
އަދި މުއްދަތު 10 މެއި އަށް އިތުރުކޮށްދިނުމަށާއި އެ 50 އިން 10 ވެންޓިލޭޓަރުގެ ބްރޭންޑްގެ ބަދަލުގައި އެހެން ބްރޭންޑެއްގެ 10 ވެންޓިލޭޓަރު ސަޕްލައި ކުރުމުގެ ހުއްދައަށް އެދި ހެލްތައް މެޑްޓެކުން ހުށަހެޅި ކަމާއި އެ 50 އިން 18 ވެންޓިލޭޓަރު ގެނައުމުގެ މުއްދަތު 10 މެއިގެ ނިޔަލަށް އިތުރުކޮށްދިނުމަށާއި ބާކީހުރި ވެންޓިލޭޓަރުގައް ގެނެވޭނެ އެންމެ އަވަސް މުއްދަތެއްގައި އެފަރާތާ ވާހަކަ ދައްކައިގެން ހޯދުމަށް ނިންމާފައިވާކަމުގައިވެސް އޭސީސީން ފާހަގަކޮށްފައިވެއެވެ.
"ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތަކީ މިނިސްޓްރީ އޮފް ހެލްތުން އަވަސް މަސައްކަތެއްގެ ގޮތުގައި ކޮށްފައިވާ މަސައްކަތެއްކަމަށްވާއިރު، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ 50 ވެންޓިލޭޓަރ ސަޕްލައިކޮށްދިނުމަށް ޙަވާލުކޮށްފައިވަނީ އެ ކުންފުނިން ހުށަހަޅާފައިވާ ކޯޓޭޝަންގައި ވެންޓިލޭޓަރ ސަޕްލައިކުރުމަށް 10 (ދިހައެއް) ދުވަހުގެ މުއްދަތެއް ހުށަހަޅާފައިވުމުން، އެ މުއްދަތުގައި ސަޕްލައި ކޮށްދެވޭނެކަމަށް ބަލައި ހެލްތު މިނިސްޓްރީއަށް އިތުބާރު ކުރެވޭ ކުންފުންޏަކަށް އެކުންފުނިވާތީކަން މިނިސްޓްރީ އޮފް ހެލްތުގެ ލިޔުންތަކުން ފާހަގަކުރެވެއެވެ. " އޭސީސީން ފާހަގަކޮށްފައިވެއެވެ.
ބްރޭންޑް ބަދަލުކޮށްދިނުމަށް މެޑްޓެކުން އެދުނު 10 ވެންޓިލޭޓަރަށް ހެލްތުން އެޕްރޫވަލް ދީފައިވާއިރު އެ 10 ވެންޓިލޭޓަރާއި އިތުރު އަށް ވެންޓިލޭޓަރު 10 މެއިގައި ގެނެސްފައިވާކަން އޭސީސީން ފާހަގަކޮށްފައިވެއެވެ.
އަދި ބާކީ ވެންޓިލޭޓަރުތަކުގެ ތެރެއިން 10 ވެންޓިލޭޓަރު މި މަހުގެ 31ވަނަ ދުވަހު ޕްރޮޑަކްޝަން ނިމި ޝިޕިންގ ރެޑީވާނެ ކަމަށާއި ބާކީ 16 ވެންޓިލޭޓަރު ޖޫން މަހުގެ 15 އަށް ޕްރޮޑަކްޝން ނިމި ޝިޕިން އަށް ރެޑީވާނެ ކަމާއި އަދި ހަ ވނެޓިލޭޓަރު ޖުލައިމަހުގެ 15 ވަނަ ދުވަހު ނިޔަލަށް ޑެލިވަރީ ކޮށްދެވޭނެކަން މެޑްޓެކުން ހެލްތަށް މައުލުމާތު ދީފައިވާއިރު އެ މުއްދަތު އިތުރުކޮށްދިނުމާއިމެދު ހެލްތުގެ ބިޑް ކޮމިޓީން އަދި ވަކިގޮތެއް ނިންމާފައިނުވާކަން އޭސީސީން ފާހަގަކޮށްފައިވެއެވެ.
20 ވެންޓިލޭޓަރު ހޯދުމާގުޅޭގޮތުން އޭސީސީން ފާހަގަކޮށްފައިވާ ކަންކަން
މި 20 ވެންޓިލޭޓަރު 14 ދުވަހުގެ ތެރޭގައި ސަޕްލައިކޮށްދިނުމަށް 19 މާރިޗްގައި ސޮއިކޮށްފައިވާއިރު ފައިސާ ދޫކޮށްފައިނުވާކަން އޭސީސީން ފާހަގަކޮށްފައިވެއެވެ. އަދި އެއްބަސްވުމުގެ ދަށުން ނާޑުން ހުށަހަޅަންޖެހޭ ޕާފޯމެންސް ގެރެންޓީ ނާޑުން ހުށަހަޅާފައިނުވާކަމާއި އެ ގެރެންޓީ 24 މާރިޗްގައި ހުށަހަޅާނެކަމަށް ނާޑުން ހެލްތަށް އެންގިނަމަވެސް އަދިވެސް އެ ގެރެންޓީ ހުށަހަޅާފައިނުވާކަމަށްވެސް އޭސީސީގެ ހުލާސާ ރިޕޯޓްގައި ބުނެފައިވެއެވެ.
މި 20 ވެންޓިލޭޓަރުގެ ތެރެއިން އެއްވެސް ވެންޓިލޭޓަރެއް މިއަދާ ހަމައަށް ލިބިފައިނުވާކަން ހާމަކޮށް އޭސީސީގެ ހުލާސާ ރިޕޯޓްގައި ބުނެފައިވަނީ ޑެލިވަރ ކުރުން ލަސްވެފައިވަނީ އެކުންފުނިން ގެނައުމަށް ނިންމާފައިވާ މެނުފެކްޗަރަރ އެތަކެތި ސަޕްލައިކޮށްދެވެންނެތްކަމަށް އަންގާފައިވާތީކަމަށް އެ ކުންފުނިން މަޢުލޫމާތުދީފައިވާކަމަށާއި އަދި އެ ކުންފުނިން ޖަރުމަނުގެ އެހެން ކުންފުންޏަކާ ވާހަކަދެކެވި އެ ވެންޓިލޭޓަރތަކުގެ ޓެކްނިކަލް ޑީޓެއިލްސް އެ މިނިސްޓްރީއާ ޙިއްސާކޮށްފައިވާކަމަށާއި އެ ތަކެތި ޑެލިވަރ ކޮށްދެވޭނެ މުއްދަތަކީ މިއަހަރުގެ ސެޕްޓެންބަރ މަހުގެ ފުރަތަމަ ހަފްތާކަމަށް އެކުންފުނިން އަންގާފައިވާކަމަށާއި އެހެންނަމަވެސް މިހާރު ޙަވާލުކޮށްފައިވާ ކުންފުނިތައް ކެންސަލްކޮށް އަލުން އެހެން ފަރާތްތަކާ ހަވާލުކުރުމުން މުއްދަތު އިތުރުވެ ވެންޓިލޭޓަރތައް ލިބުމުގައި އިތުރު ތަކުލީފްތަކެއް އުފުލަންޖެހިދާނެކަމަށް ފެންނާތީއާއި ނާޑުން ހުށަހެޅި މޮޑެލް ބަޔޯމެޑިކަލް އިންޖިނިއަރއާ ޝެއަރކުރެވި އެފަރާތުން އެ ވެންޓިލޭޓަރުތަކުގެ މޮޑެލްތައް ރަނގަޅުކަމަށް މަޢުލޫމާތު ދީފައިވާތީ، އެއްބަސްވުމުގައިވާ 20 ވެންޓިލޭޓަރ ގެނައުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށާއި އަދި އެ ފަރާތުން ހުށަހަޅާފައިވާ މުއްދަތަށްވުރެ އަވަހަށް، އެންމެ ލަސްވެގެން ޖުލައިމަސް ނިމުމުގެ ކުރިން މިތަކެތި ރާއްޖެގެނެސް މިނިސްޓްރީއަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ހެލްތުގެ ބިޑު ކޮމިޓީއިން ނިންމާފައިވާކަމަށް އޭސީސީން ބުނެފައިވެއެވެ.
75 ވެންޓިލޭޓަރު ހޯދުމަށް ބޭރުގެ ކުންފުންޏަކާ ހަވާލުކުރުމާ ގުޅޭގޮތުން އޭސީސީން ފާހަގަކޮށްފައިވާ ކަންކަން
75 ވެންޓިލޭޓަރު ހޯދުމަށް ހަވާލުކުރި އެގްޒެކިއުޓަރް ޖެނެރަލް ޓްރޭޑިން އަކީ ސޯލް އެސްޓެބްލިޝްމެންޓެއް ކަމަށާއި އެ ފަރާތަކީ ދުބާއީގެ ކޮމާޝަލް ލައިސަންސް އޮތް ފަރާތެއް ކަމާއި އެ ކުންފުނީގެ ލައިސަންސް 14 އޭޕްރީލްގައި ހަމަވިނަމަވެސް 15 އޭޕްރީލްގައި އެ ލައިސަންސް އާކޮށްފައިވާކަން އޭސީސީން ފާހަގަކޮށްފައިވެއެވެ.
ދޭއް އޭޕްރީލްގައި މި އެއްބަސްވުމިގައި ސޮއިކޮށްފައިވާއިރު އެޓާނީ ޖެނެރަލްގެ ލަފާ ހޯދާފައިވާކަމާއި އެޑްވާންސްގެ ގޮތުގައި ދައްކަންޖެހޭ 75 އިންސައްތަ ކަމަށްވާ 1،678،125.00 (އެއް މިލިޔަން ހަސަތޭކަ ހަތްދިހަ އަށްހާސް އެއްސަތޭކަ ފަންސަވީސް އެމެރިކާ ޑޮލަރު)އަށްވާ 25،876،687.50 (ފަންސަވީސް މިލިޔަން އަށްސަތޭކަ ހަތްދިހަ ހާސް ހަ ސތޭކަ އަށްޑިހަ ހަތް ރުފިޔާ ފަންސާސް ލާރި ) ރުފިޔާ އޭޕްރީލް އެއްވަނަ ދުވަހު ހަރަދުކޮށްފައިވާކަމާއި އަދި ކޮންޓްރެކްޓްގެ އަގުގެ 15 އިންސައްތައަށްވާ 335،625.00 (ތިންސަތޭކަ ތިރީސް ފަސްހާސް ހަ ސަތޭކަ ފަންސަވީސް އެމެރިކާ ޑޮލަރު) އަށްވާ 5،175،337.50 (ފަސް މިލިޔަން އެއްސަތޭކަ ހަތްދިހަ ފަސްހާސް ތިންސަތޭކަ ތިރީސް ހަތް ރުފިޔާ ފަންސާސް ލާރި) ރުފިޔާ 27 އޭޕްރީލްގައި ހަރަދުކޮށްފައިވއިރު މި ދެ ޕޭމަންޓް ޓްރާންސްފަރ ކޮށްފައިވަނީ ޑުބާއީ އިސްލާމިކް ބޭންކްގައި އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމުގައިވެސް އޭސީސީން ފާހަގަކޮށްފައިވެއެވެ.
އަދި އެ 75 ވެންޓިލޭތަރުގެ ތެރެއިން 10 ވެންޓިލޭޓަރު 18 މެއިގައި ރާއްޖެ ފޮނުވަން ހަމަޖެހިފައިވާކަމަށާއި ބާކީ 25 ވެންޓިލޭޓަރު 25 މެއިގައި އަދި ބާކީ 40 ވެންޓިލޭޓަރު ޖޫން މަހުގެ ފުރަތަމަ ހަފްތާގައި ޝިޕިންގ އަށް ރެޑީވާނޭކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވާކަމަށް ހެލްތުން ބުނެފައިވާއިރު އޭސީސީގެ ރިޕޯޓް އެކުލަވލި ތާރީހާއި ހަމައަށްވެސް އެއްވެސް ވެންޓިލޭޓަރެއް ލިބިފައިވާކަން އެއްވެސް ލިޔެކިޔުމަކުން އެނގެން ނެތްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އޭސީސީން އިތުރަށް ބުނެފައިވަނީ ފާހަގަކުރެވިފައިވާ ކަންތައްތަކާއި ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް