ކޯވިޑް-19 އާއި ގުޅިގެން ގައުމުތައް ފުރަބަންދުގައިވާތީ މިދިޔަ އަހަރުގެ އޮކްޓޯބަރ/ނޮވެމްބަރުގެ އޯލެވެލް އަދި އޭލެވެލްގެ ސެޓްފިކެޓްތައް ރާއްޖެ ގެނެވިފައިނުވާކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.
އެ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރެފައިވާ އިއުލާނެއްގައެވެ.
އެ އިއުލާނުގައި ބުނެފައިވަނީ އޭލެވެލް އަދި އޯލެވެލް ސެޓްފިކެޓް ތަކަކީ އެ ޔުނިވާސިޓީތަކުން ޕްރިންޓްކޮށް ސީލް ޖަހައިގެން ސެންޓަރުތަކަށް ފޮނުވާތަކެތި ކަމަށާއި ސެޓްފިކެޓްތައް ޕްރިންޓްކުރާނީ ރީޗެކް މަރުހަލާނިމި ދަރިވަރުންގެ ނަތީޖާތައް ކަށަވަރު ވުމުން ކަމަށެވެ.
"މި މަރުހަލާ ނިމި ސެޓްފިކެޓްތައް ފޮނުވުމާއި ހަމައަށް އައިއިރު ކޯވިޑް-19ގެ ސަބަބުން އިނގިރޭސިވިލާތާއި އަދި އެހެން ގިނަ ގައުމުތަކުގެ އެއާޕޯޓްތައް ބަންދުކޮށް އެ ގައުމުތައް ވަނީ ފުރަބަންދުކޮށްފައި" މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެހެންކަމުން ސެޓްފިކެޓްތައް ރާއްޖެއަށް ގެނައުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ސެޓްފިކެޓްތައް އަދި ރާއްޖެއާއިހަމައަށް ގެނެވިފައިނުވާކަމަށެވެ. ސެޓްފިކެޓްތައް ނުލިބި ލަސްވަނީ އިމްތިހާނުތައް ފޯރުކޮށްދޭ މައި މަރުކަޒުތަކުން ސެޓްފިކެޓްތައް ފޮނުވުމުގައި ދިމާވެގެން އުޅޭ ދަތިތަކެއްގެ ސަބަބުން ކަމަށެވެ. އަދި ސެޓްފިކެޓްތައް ލިބުނުހާ އަވަހަކަށް ދަރިވަރުންނަށް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމުގައިވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ސެޓްފިކެޓް ލިބުމުގެ ކުރިން މަތީ ތައުލީމުގެ ފުރުސަތަށްއެދި ހުށަހަޅަން ބޭނުންވެއްޖެނަމަ، މިހާރު ދޫކޮށްފައިވާ ނަތީޖާ ޓްރާންސްކްރިޕްޓް ބޭނުން ކުރެވިދާނެ ކަމަށެވެ. އަދި ނަތީޖާގެ ކަށަވަރުކަން ޔަގީން ކުރުމަށް އިތުރު ލިޔުމެއް ބޭނުންވާނަމަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަނަށް އެކަމަށް އެދި ހުށަހެޅުމުން އެފަދަ ލިޔުމެއް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މިގޮތުން އެފަދަ ލިޔުމަކަށް އެދޭނަމަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންގެ އީމެއިލް [email protected] އަށް އީމެއިލް ކުރުމަށް އެދިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް