ކުރީގެ ރައީސުންގެ އިނާޔަތްތައް ކުޑަކުރަން ތާއީދު، އަވަހަށް މަޖިލީހުން ގޮތެއް ނިންމައިދީ: ރައީސް މައުމޫން

ކުރީގެ ރައީސުންނަށް ދެމުން އަންނަ އިނާޔަތްތައް މުރާޖައާ ކުރަން އެދި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސިޓީއަށް ތާއީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖ...

21 May 2020 | 14:38

ކުރީގެ ރައީސުންނަށް ދެމުން އަންނަ އިނާޔަތްތައް މުރާޖައާ ކުރަން އެދި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސިޓީއަށް ތާއީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން މިހެން ވިދާޅުވީ މިއަދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީފުޅެއްގައި އެވެ. އެ ސިޓީގައި ވިދާޅުވެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ދިމާވެފައިވާ ދަތިކަން ރާއްޖޭގެ އިގްތިސާދަށްވެސް ކުރިމަތިވެފައިވާ ކަމަށެވެ. ގިނަ ބައެއްގެ ވަޒީފާ ގެއްލި އެތައް ބައެއް އާމްދަނީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތް ނުކުރެވުމުގެ ސަބަބުން އެތައް ދަތިތަކަކާއި ވަނީ ކުރިމަތިވެފައި އެވެ.

މައުމޫން ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށްވެސް މަޖުބޫރުވެފައިވާ ކަމަށެވެ. މައުމޫން ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އެ ސީޓީގައި އެދިފައިވާގޮތަށް ކުރީގެ ރައީސުންގެ މުސާރަ މުރާޖާ ކުރުން މުހިންމު ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ.

މީގެ އިތުރުން ކުރީގެ ރައީސުންގެ މުސާރަ ކުޑަ ކުރުމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގެ ދަށުން، ކޮންމެ މަހަކު ޚާއްސަ އިނާޔަތާއި ރާއްޖެ އާއި ރާއްޖެ އިން ބޭރުން ސިއްހީ ޚިދުމަތްތައް ދައުލަތުގެ ޚަރަދުގައި ދިނުމުގެ އިތުރުން ދަތުރުފަތުރާއި ސެކިއުރިޓީ ފޯރުކޮށްދޭން ޖެހެ އެވެ.

އެ ގާނޫނުގެ ދަށުން އެއް ދައުރު ރައީސް ކަން ކޮށްފައިވާ ބޭފުޅުންނަށް ކޮންމެ މަހަކު 50،000 ރުފިޔާ ދޭން ޖެހެ އެވެ. އެއް ދައުރަށް ވުރެ ގިނަ ދުވަސް ވަންދެން ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދެނީ 75،000 ރުފިޔާ އެވެ. މީގެ އިތުރުން، ދިރިއުޅޭ ތަނުގެ ހަރަދަށް ކޮންމެ މަހަކު 50،000 ރުފިޔާ ދޭން ޖެހެ އެވެ. މުޖްތަމައުއަށް ފައިިދާ ހުރި މަސައްކަތެއް ކުރީގެ ރައީސަކު ކުރައްވާ ނަމަ، އެ ކަމަށް އޮފީސް ހިންގުމުގެ ހަރަދަށް މަހަކު ގިނަވެގެން 175،000 ރުފިޔާ އާ ހަމައަށް ގާނޫނުގެ ދަށުން ލިބިވަޑައިގަންނަވާނެ އެވެ.

ކުރީގެ ރައީސުންގެ މުސާރަ މުރާޖާ ކުރުމަށް ސަރުކާރުން ސަރުކާރުން ހުށަހަޅުއްވާފައިވާއިރު ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ރައީސާއި ނައިބު ރައީސް، ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ވަނީ ކުޑަކޮށްފަ އެވެ. ދައުލަތުން މުސާރަ ދޭ މަގާމުތަކުގެ ތެރެއިން ވަކި މިިންވަރަކަށް ވުރެ ބޮޑު މުސާރަ ލިބޭ މަގާމުތަކުގެ މުސާރަ ވެސް އޮތީ ކުޑަކޮށްފަ އެވެ.

ކުރީގެ ރައީސުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް