ކޯވިޑް-19: ޔޫއެންޑީޕީ މެދުވެރިކޮށް ޖަޕާނުން ރާއްޖެއަށް 21 މިލިޔަން ރުފިޔާގެ އެހީއެއް

ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، އޭގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން ޔޫ.އެން.ޑީ.ޕީ މ...

21 May 2020 | 07:54

ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، އޭގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން ޔޫ.އެން.ޑީ.ޕީ މެދުވެރިކޮށް ހިލޭ އެހީ ދީފިއެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ ޖަޕާނުން މިއަދު ދީފައިވަނީ 21،740،400 (އެކާވީސް މިލިއަން ހަތްލައްކަ ސާޅީސް ހާސް ހަތަރު ސަތޭކަ) ދިވެހި ރުފިޔާގެ އެހީއެއް ކަމަށެވެ.

މިހާރު އިއުލާންކޮށްފައިވާ ފުރަބަންދުގެ ޙާލަތަށް ނިމުމެއް އައިސް، އިގްތިސާދު އަލުން ހުޅުވޭއިރު، މިއެހީގެ ސަބަބުން ސަރުކާރަށާއި، ވިޔަފާރިތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި އަދި އިކޮނޮމިކް ބޭސް ފުޅާކޮށް، އައު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުމަށް ކުރެވޭ މަސައްކަތަށްވެސް މިއެހީގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާނެ ކަމުގައި ފޮރިން މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނެފައިވާގޮތުގައި ރާއްޖެއަށް މިއެހީ ފޯރުކޮށްދިނުމަށް ޔޫ.އެން.ޑީ.ޕީއިން ކުރި މަސައްކަތަށާއި، ހިލޭ އެހީގެ ގޮތުގައި މިފައިސާ ހަމަޖައްސައިދިން ކަމަށްޓަކައި ދިވެހި ސަރުކާރުން ޝުކުރު އަދާކުރެއެވެ. ޖަޕާނަކީ ރާއްޖޭގެ ގިނަ ދުވަސްވީ ތަރައްގީގެ ބައިވެރިއެކެވެ. އަދި ކޯވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ޖަޕާނުގެ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން މިހާރުވެސް ޖަޕާން ސަރުކާރާއެކު ދަނީ މަޝްވަރާކުރެވެމުންނެވެ.

މިމަހުގެ ކުރީކޮޅުވެސް ޖަޕާން ސަރުކާރުން ވަނީ ޔުނިސެފް މެދުވެރިކޮށް 5،346،600 ރުފިޔާ އަދި ރެޑް ކްރެސެންޓް މެދުވެރިކޮށް 2،775،000 ރުފިޔާގެ ހިލޭ އެހީވެސް ރާއްޖެއަށް ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް