ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން" ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ އަގު ވެއްޓިދާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފި އެވެ.
މަތީ ފަންތީގެ ޓޫރިސްޓުންނަށް ރާއްޖެ އާދެވޭފަދަ އިންތިޒާމެއްގެ ދަށުން ކޯވިޑް-19 ގެ މިހާލަތަށް ފަހު ޓުރިޒަމް އިންޑަސްޓްރީ ފަށައި ގަންނަ ގޮތަށް އެކުލަވާލާފައިވާ މި ގައިޑްލައިން މިހާރު ވަނީ ދާއިރާގެ ސްޓޭކް ހޯލްޑަރުންނަށް ހިޔާލު ހޯދުމަށް ފޮނުވާފައި އެވެ.
މަޓާޓޯއިން ބުނީ އެ ގައިޑްލައިނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އެ ޖަމިއްޔާއަށް ލިބިފައިވާ ކަމަށެވެ. އަދި ގައިޑްލައިން ދިރާސާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ރާއްޖެއިން ބޭރުގެ ޖަމިއްޔާތަކުގެ ހިޔާލުވެސް ހޯދާނެ ކަމަށެވެ.
އެކަމަކު މިހާރު ގައިޑްލައިން އޮތް ގޮތާއި މެދު ހިތްހަމަ ނުޖެހޭކަން ފާހަގަކޮށް މަޓާޓޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާރު އޮތް ގޮތުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އަގު ވަރަށް ބޮޑަށް ވެއްޓުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. މިހާރުވެސް ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް މި ގައިޑްލައިނާއި މެދު ހުރިކަން ފާހަގަކޮށްފައިވެ އެވެ.
މަޓާޓޯއިން ބުނީ ރާއްޖޭގެ ބޯޑާރު އަލުން ހުޅުވާއިރު ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް ގެންގުޅެމުން އައި އުސޫލަށް ބަދަލު ގެނެސްގެން ނުވާނެ ކަމަށެވެ. އެގޮތުން ރާއްޖެއިން އަބަދުވެސް ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ވާނީ މިދިޔަ40 އަހަރުގެ ތަޖުރިބާއިން ރީތި ގޮތްތަކުގައި ކަމަށެވެ.
މަޓާޓޯއިން ބުނީ އެ ޑްރާފްޓު އެކުލަވާލީ މަޓާޓޯ ހިމެނޭ ގޮތަށް ސްޓޭކް ހޯލްޑަރުންނާއި އެކު މަޝްވަރާ ކުރުމަށް ފަހު ކަމަށް މީޑިއާގެ ބައެއް ވަސީލަތްތަކުން ރިިޕޯޓު ކުރި ނަމަވެސް އެފަދަ މަޝްވަރާއެއް ޑްރާފްޓް އެކުލަވާލި އިރު ކޮށްފައި ނުވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ގައިޑްލައިންގައި ބުނެފައިވަނީ ބޯޑަރު ހުޅުވައި، ޓޫރިސްޓުންނަށް ހުޅުވާލާއިރު ރާއްޖެ އަންނަ ޗާޓާޑް ފްލައިޓުތަކާއި ޖެޓުތަކުން 50،000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށެވެ. އަދި ކޯވިޑަށް ޓެސްޓު ކުރުމަށާއި ރާއްޖެ އެތެރެވާ ފީއެއްގެ ގޮޮތުގައި ކޮންމެ ޓޫރިސްޓަކު ޖުމްލަ 200 ޑޮލަރު ދައްކަން ޖެހެ އެވެ.
އަދި ޓެސްޓުގެ ނަތީޖާ ލިބެންދެން ޓޫރިސްޓުން ރިސޯޓުތަކަށް ގޮސް ތިބެން ޖެހެނީ ކޮޓަރީގައި އެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ މި ޑްރާފްޓަށް ހިޔާލު ހޯދުމަށް ދާއިރާގެ ސްޓޭކް ހޯލްޑަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް