ރަށްރަށުގަ އާންމުންނަށް މަގުމައްޗަށް ނުކުމެ އެއްވެވޭއިރު މިސްކިތްތައް ހުޅުވުން ލަސްވެއްޖެ!

އަތޮޅުތެރޭގެ ރަށްރަށުގައި އާންމުން ބޭރަށް ނުކުމެ ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅެވޭއިރު މިސްކިތްތައް ހުޅުވައި ޖަމާއަތުގައި ނަމާދު ކުރަން ފެށުން ލަސްވެއްޖެ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައި...

21 May 2020 | 06:39

އަތޮޅުތެރޭގެ ރަށްރަށުގައި އާންމުން ބޭރަށް ނުކުމެ ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅެވޭއިރު މިސްކިތްތައް ހުޅުވައި ޖަމާއަތުގައި ނަމާދު ކުރަން ފެށުން ލަސްވެއްޖެ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމުނާ އަބޫބަކުރުގެ އެންގެވުމަކުން ރާއްޖޭގެ ހުރިހާ ރަށެއްގައި މަގުމަތީގައި ގިނަ މީހުން އެއްވެ އުޅުން އޮތީ މަނާކޮށްފައި އެވެ. އަދި ވައިރަހުން ރައްކާތެރިވުމުގެ ގޮތުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން އިސްލާމިކް މިނިސްޓްރީން އޮތީ މަނާކޮށްފައި އެވެ.

ދެ ރަށެއްގައި ގިނަ ބަޔަކު އެއް ތަނަކަށް އެއްވެގެން އުޅޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމު ކުރެއްވުމަށް ފަހު ޝެއިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަށްރަށުގައި މީހުން އުޅެމުންދަނީ އާންމު ހާލަތުގައި ކަމަށެވެ. މިގޮތަށް އާންމު ހާލަތުގައި ހުރި އިރު މިސްކިތްތައް ބަންދު ކޮށްފައި ބެހެއްޓިގެން ވާނެ ކަމަށް ގަބޫލު ކުރަން ދަތިކަމަށް ޑޮކްޓަރުންނަށް ދަންނަވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަމާއަތުގައި ނަމާދު ކުރުން ސަރުކާރުން ހުއްޓާލީ ޑޮކްޓަރުންގެ ލަފަ އާއި އެއްގޮތަށް ކަމަށްވާއިރު އާންމު ދިރިއުޅުމުގައި ރަށްރަށުގައި އުޅެވޭނެމަ މާލޭގެ ލޮކްޑައުން ނިމޭ ދުވަސްކަމަށްވާ28 ވަނަ ދުވަހާއި ހަމައަށްވެސް މިސްކިތްތައް ބަންދުކޮށްފައި ބެހެއްޓިގެން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިޔަށް އޮތް ފިތުރު އީދަށް މިސްކިތްތައް ހުޅުވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

https://twitter.com/alizaid1000

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅުތަކެއްގެ ގޮތުން ފުރަތަމަ ނެގީ މިސްކިތްތަކުގައި އަޅާފައިވާ ކާޕެޓްތަކެވެ. ދެން މާލެ އާއި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާ ކުރި އެވެ. އޭގެ ފަހުން ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން މަނާކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވީ އެއްވެސް ވަރަށް ބަލި ނުފެންނަ ރަށްރަށުގައި ވަރަށް އަވަހަށް ޖަމާއަތުގައި ަތުގައި ނަމާދު ކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ. އަދި މާލޭގައިވެސް އެ ހުއްދާ ލަހެއް ނުވެ ދެވޭނެ ކަމަށެވެ. އެކަމަކު މި ހުއްދަތައް ދޭން ނިންމާފައިވާ ދުވަހެއް ހާމައެއް ނުކުރައްވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް