ކޯވިޑް-19 އާއި ގުޅިގެން ވައިގެ ދަތުރުތައް ހުއްޓާާފައިވާ އިންޑިއާގެ އެތެރޭގެ އުދުހުންތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އެ ގައުމު ލޮކްޑައުންކޮށް ވައިގެ ދަތުރުތައް ހުއްޓާލީ މިދިޔަ މާޗްމަހުގެ25 ވަނަ ދުވަހު އެވެ. އަލުން އެތެރޭގެ އުދުހުންތަކުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ25 ވަނަ ދުވަހު އެވެ.
އެތެރޭގެ އުދުހުންތަކުގެ ދަތުރުތައް ފެށުމަށް ސިވިލް އޭވިއޭޝަނުން ނިންމައި އޮޕަރޭޝަން ފެށުމަށް ހުރިހާ އެއާޕޯޓްތަކަށާއި އެއާލައިންތަކަށް ވަނީ އަންގާފައި އެވެ. މީގެ ހަފުތާއެއްހާ ދުވަސްކުރިން ވަނީ އިންޑިއާގެ އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ރޭލް ދަތުރުތައް ވެސް ފަށައިފަ އެވެ.
ވައިގެ ދަތުރުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާގެ މަސައްކަތްތައް ފެށުމުގެ ހުއްދަދޭންވެސް އެ ގައުމުގެ މައި ސަރުކާރުން ވަނީ ނިންމާފަ އެވެ. އެކަމަކު އެ މަސައްކަތްތައް ކުރިޔަށް ގެންދަން ޖެހެނީ ވަކި އުސޫލެއްގެ ތެރެއިންނެވެ.
އިންޑިއާއިން ލޮކްޑައުންއަށް ލުއިތަކެއްދީ ގައުމު ހުޅުވާލުމުގެ މަސައްކަތް ފެށި އިރު އެ ގައުމުގައި ހަލުވިކަމާއި އެކު ވައިރަސް ދަނީ ފެތުރެމުންނެވެ.
އެގޮތުން އިއްޔެ އެކަނިވެސް އިންޑިއާގައި 5،600 މީހަކު ޕޮސިޓިވްވެފައިވާއިރު 140 މީހަކު ވަނީ މަރުވެފައި އެވެ. އެކަމަކު އިންޑިއާ ހުޅުވާލުގެ މަސައްކަތް ފަށާފައި މިވަނީ ކޯވިޑްގެ ޕީކަކަށް ގޮސް ނިމިފައި ވާތީ ސިއްހީ މާހިރުންގެ ލަފައާއި އެއްގޮތަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިހާތަނަށް އިންޑިއާގައި 106,750 މީހަކަށް ވައިރަސް ޖެހިފައިވާއިރު 3,434 މީހުން ވަނީ ބަލީގައި މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް