ކޯވިޑް-19 ގެ އެހީތެރިކަމުގެ ނަމުގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ބިލުން ދެ ފަހަރު ބޭރުކޮށްލުމުން އެ ބިލު ހަ ބިލަށް ހެދުމަށް ފަހު ހުށަހަޅުއްވައިފި އެވެ.
ފުރަތަމަ ފަހަރު ބޭރުކޮށްލުމުން ދެ ވަނަފަހަރަށް ބިލާއެކު ސައީދު މަޖިލީހަށް ފޮނުވި ސިޓީގައި ވަނީ، ބިލު ހުށަހަޅާފައިވާ ގޮތުން ދައުލަތަށް ލިބެންޖެހޭ އާމްދަނީއަށް އެއްވެސް އުނި އިތުރު ކަމެއް ނާންނާނެ ކަން ފާހަގަ ކުރައްވައިފަ އެވެ. ސައީދު ހުށަހެޅުއްވި ބިލު ދެ ފަހަރުވެސް ބޭރުކޮށްލާފައިވަނީ ދައުލަތުގެ ހަރަދާއި ފައިސާއާ ގުޅުންހުރި މާއްދާތަކެއް ހިމަނާފައިވާތީ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވެ އެވެ.
ރޭ ސައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ބިލު ބަލައި ނުގަތުމުން އިތުރު ހަ ބިލެއް ހުށަހަޅުއްވާފައިވާ ކަމަށެވެ. ވަކިވަކި ކޮށްފައިވާ އެ ހަ ބިލުގައި ހުރީ ކުރިން ދެ ފަހަރު ހުށަހެޅުމުން ބޭރުކޮށްލި ބިލުގައި ހިމަނާފައިވާ ކަންކަމެވެ.
ސައީދު މިފަހަރު ހުށަހަޅުއްވާފައިވަނީ އިޖްތިމާއީ ބޯހިޔާވަހިކަމުގެ ކުލި ފަސްކޮށްދިނުމުގެ ބިލު، ދަނޑުވެރިންނަށް ލުއި ދިނުމުގެ ބިލް، ލޯނުގެ ލުއިގެ ބިލު، ޕެންޝަން ފައިސާއަށް އެދޭ ބިލެވެ. ދެން ހުށަހަޅާފައިވަނީ ގޭ ކުއްޔާއި ބެހޭ ބިލު އަދި ޓޫރިޒަމް ކުއްޔާއި ބެހޭ ބިލެވެ.
ސަރުކާރުގެ އާމްދަނީ އާއި ހަރަދާއި ފައިސާއާ ގުޅުން ހުރި ކަންކަމުގައި އިސްލާހު ކުރަން ބިލް ހުށަހެޅޭނީ ސަރުކާރަށެވެ. އަދި ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނަށް އެފަދަ ބިލްތައް ހުށަހެޅެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް