ގުރައިދޫގައި ބިދޭސީއަކު މަރާލުން: ހަމަލާ ދީފައި ހުރީ ކަތިވަޅިން، ފެނުނީ ބިދޭސީން ތަކަކަށް !

މިރޭ ތ. ގުރައިދޫގައި ބިދޭސީއަކަށް ހަމަލާދީ މަރާލާފައިވާއިރު އެ ހަމަލާ ދީފައިހުރި ކަތިވަޅިން ކަމަށާއި އެހީއަށްއެދި ގޮވަނިކޮށް ފެނުނީ އިތުރު ބިދޭސީން ތަކަކަށް ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުނ...

20 May 2020 | 22:52

މިރޭ ތ. ގުރައިދޫގައި ބިދޭސީއަކަށް ހަމަލާދީ މަރާލާފައިވާއިރު އެ ހަމަލާ ދީފައިހުރި ކަތިވަޅިން ކަމަށާއި އެހީއަށްއެދި ގޮވަނިކޮށް ފެނުނީ އިތުރު ބިދޭސީން ތަކަކަށް ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފިއެވެ.

ނަން ހާމަނުކުރަން ޝަރުތުކޮށް އެ ހަމަލާ ދިން ސަރަހައްދުގައި އުޅޭ ރައްޔިތަކު ވަނީ އޭނާއަށް މިހާތަނަށް އެނގިފައިވާ މައުލޫމާތާއި ފެނިފައިވާ މަންޒަރުތައް ދުވަހަށް ކިޔާދީފައެވެ.

މި ހަމަލާފައި އެކަކު މަރުވެފައިވާއިރު އިތުރު ބިދޭސީއަކު މިހާރު ވަނީ އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. އޭނާގެވެސް ހޭ ނެތް ކަމަށް މައުލޫމާތު ލިބެއެވެ.

ރަސްމީ ސިފައެއްގައި ފުލުހުން، ރަށު ކައުންސިލުން، ރަށު ސިއްހީ މަރުކަޒުން އަދި ބަހެއް ނުބުނެއެވެ. ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމަށާއި މައުލޫމާތު ލިބޭނީ ސިއްހީ މަރުކަޒަށް ގުޅުމުން ކަމަށެވެ. ސިއްހީ މަރުކަޒުގެ މެނޭޖަރު ވިދާޅުވީ ފުލުހުންނަށް ގުޅުމަށެވެ.

ދުވަހަށް މައުލޫމާތު ދިން އެކަކު ބުނީ މަރުވި ބިދޭސީއަކީ މަސައްކަތު ސައިޓެއްގައި ދިރިއުޅޭ ބިދޭސީއެއް ކަމަށެވެ. ހަމަލާ ދިނުމުން އޭނާއަށް އެހެން ސައިޓަކާއި ހަމައަށް ދެވުނު ކަމަށެވެ. އަދި ހަޅޭއްލަވާ އަޑަށް އެ ސައިޓުން މީހުން ނިކުތް އިރު އޭނާ ވެއްޓިފައި އޮތް ކަމަށެވެ. އަދި ސިއްހީ މަރުކަޒަށް ގެންދިޔައިރު މަރުވެފައިވާކަމަށެވެ.

"ކަތިވަޅިން ހަމަލާ ދީފައި ހުރީ، ކަތިވަޅިވެސް ހަމަލާ ދިން ސަރަހައްދުގައި އެބަ އޮތް، ފެނުނު މި ރަށު މީހުންނަށް" ދުވަހަށް މައުލޫމާތުދިން ފުރަތަމަ މީހާ ބުންޏެވެ.

ދެވަނަ އަށް މައުލޫތު ދިން މީހާ ބުނީ ޒަހަމްވެފައިވާ ދެވަނަ ބިދޭސީ މީހާ ފެނުނީ ފުލުހުންނާއި ރަށުގެ ރައްޔިތުން ނިކުމެ ބިދޭސީން އުޅޭ ތަންތަން ބެލި ބެލުމުގެ ތެރޭގައި އެތަނުން ތަނަކުން ކަމަށެވެ. އަދި އެމީހާ އަކީ ހަމަލާ ދިން މީހާ ކަމުގައިވެސް ރަށުތެރޭގައި ކިޔާ ކަމަށާއި އަދި އެއީ ހަމަލާއިން ސަލާމަތްވި އެކަކު ކަމުގައިވެސް ރަށުތެރޭގައި ކިޔާ ކަމަށެވެ.

"ރަށުގެ ކުދި ބޮޑު އެންމެން މިތިބީ ހޭލާ، ބިރުވެރިކަމެއްގައި، ވަރަށް ހާސްވެފަ އަހަރުމެން އެންމެންވެސް މި ތިބީ" ދުވަހަށް މައުލޫމާތުދިން ދެވަނަ މީހާ ބުންޏެވެ.

މިކަމުގައި ސާފު މައުލޫމާތު ރަސްމީ އިދާރާއަކުން އަދި ލިބޭގޮތެއް ނުވެއެވެ. މިފަދަ ކަމެއް ހިނގައިގެން އުޅޭކަންވެސް ފުލުން ރަސްމީ ސިފައެއްގައި އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް