އެތައް އާދޭހަކަށްފަހު ކޯލު އަންނަން ފެށިއެވެ. ޒާރާ ނިންމީ ފޯނު ނަގާށެވެ. އެކޮޅުން ދާއްކާ ވާހަކައެއް އަޑުއަހާލުމަށް ޒާރާގެ ހިތް ބުނަމުން ދިޔައެވެ.
ޒާރާ ފޯނު ކަންފަތުގައި ޖައްސާލިއެވެ.
''ޒާރާ...." އެކޮޅުން ގޮވާލި އަޑު ޒާރާއަށް އިވުނެވެ. އެ އަޑު ޖެހުމާއެކު ޒާރާގެ އަތްތިލަ ތުރުތުރު އަޅައިގެން ދިޔައެވެ. މުޅި ހަށިގަޑު ފިނިވެގެން ދިޔައެވެ. މޭގައި އޮތް ހިތް ތެޅިގަތީ އަމަށަކު ވަރަކަށް ނޫނެވެ.
ޒާރާ ފޯނު ކަންފަތުގައި ޖައްސާލިއެވެ.
''މީ އާދިލް.... އަހަންނަށް މިކުރެވުނީ ކުށެއްކަމަށްވާނަމަ މައާފް ކުރާނެކަމަށް އުންމީދު ކުރަން...... ސޮރީ'' އާދިލްގެ ރީތި އަޑުން ޒާރާގެ ހަށިގަނޑަށް ދިރުން ގެނެސް ދީފިއެވެ.
''ވާހަކަ ދައްކަބަލަ.... '' އާދިލް އަޑު ނުހަނު އަސަރުގަދަ އެވެ. ޒާރާ ފިނިވަމުން ދިޔައެވެ. ވާހަކަ ދައްކަން ކިތަންމެ ބޭނުންވިޔަސް ދޫ ހަރަކާތެއް ނުކުރިއެވެ. އަތްފައި ފިނިވެ ތުރުތުރު އަޅާހެން ހީވެ މޭގެ ތެޅުން ހިނދެއް ހިނދަކަށް އަވަސްވަމުން ދިޔައެވެ.
''ޒާރާ...... ހީކުރަން މާފުކުރާނެކަމަށް...'' އާދިލްގެ އަޑު ކިތަންމެހާވެސް ހިތްގައިމެވެ. ވާހަކަދައްކަން ޒާރާގެ ހިތް އެދި ގޮވަމުން ދިޔަނަމަވެސް ޒާރާގެ ދޫ ހަރަކާތެއް ނުކުރިއެވެ. އެއްވެސް އަޑެއް ނީވި ހަމަހިމޭން މިނެޓް ކޮޅަކަށްފަހު ފޯނު ކެނޑުނެވެ. ޒާރާއަށް މާޔޫސްކަން އިހްސާސް ކުރެވުނެވެ. އަލުން ގުޅަން ބޭނުންވިއެވެ.
ޒާރާ އަށް އެދެވެމުން ދިޔައީ އަދިވެސް އެކޯލު އައުމަށެވެ. ފޯނުގެ ސްކްރީނަށް ބަލަން އިންނަތާ ބައިގަޑި އިރުވީއިރުވެސް މެސެޖެއްހާ ހިސާބުވެސް ނައެވެ. ޒާރާ މާޔޫސްވިއެވެ. އެއީ ހަމަ އާދިލް ބާވައެވެ. އާދިލް ނަމަ ދެވަނަ ފަހަރަކަށް ނުގުޅީ ކިޢްވެ ބާވައެވެ.
ނޫނެކެވެ. އާދިލް އެހެން ނުހަދާނެއެވެ. އެއަށްވުރެ އާދިލް މާ ރަނގަޅުވާނެއެވެ. ޒާރާގެ އަމިއްލަ ހިތަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަމުން އެނދުގައި އޮށޯވެ، ފޯނު މޭގައި ޖައްސާލިއެވެ.
ވޭތިވަމުންދާ ކޮންމެ ސިކުންތެއް އެތައް ހާސް މިނެޓެއްހާ ދިގު ކަމުގައި އިހްސާސް ކުރެވެމުން ދިޔައެވެ. ފޯނުގެ ސްކްރީން ދިއްލޭނެ އިރަކަށް ދެލޯ އިންތިޒާރު ކޮށްކޮށް ވަރުބަލި ވެއްޖެއެވެ. އެ އަސަރުގަދަ އަޑު އަހާލަން ކަންފަތް އެދި އާދޭސް ކުރަމުން ދިޔައެވެ.
ޒާރާގެ އިންތިޒާރު ކޮޅުންލައިފިއެވެ. ކެތެއްނުކުރެވުނެވެ. ޒާރާ މެސެޖެއް ޓައިޕް ކޮށްލިއެވެ. އާދިލްގެ ނަން ލިޔެފައެވެ. އެތައްފަހަރަކު އެ މެސެޖް ލިޔެ ފޮހެ ހަދައިފިއެވެ. މެސެޖް ފޮނުވާލަން ފަސްޖެހެނީ ކީއްވެ ކަމެއް ނޭއެވެ.
ފަތިސްވުމާ ގާތްވި އިރުވެސް ޒާރާ އަކަށް ނުނިދުނެވެ. ފައިގެ ރިހުމަށްވުރެ ބޮޑަށް އިހްސާސް ކުރެވެމުންދަނީ ހިތުގައިވާ ވޭނީ ރިހުމެކެވެ. ޒާރާ ހިތްވަރުކޮށްފައި އާދިލްގެ ނަން ލިޔުމަށްފަހު ސެންޑް ބަޓަންއަށް ފިއްތާލިއެވެ.
ރިޕްލައި އާދޭތޯ ކެތްތެރިކަމެއްނެތި އިންތިޒާރު ކޮށްކޮށް ޒާރާ ވަރުބަލި ވެއްޖެއެވެ.
ފަތިސްނަމާދުގެ ބަންގީގެ އަޑުން މުޅިމާލެ ގުގުމަމުން ދަނީއެވެ. ޒާރާ އަކީ ނަމާދު އަޅާކުއްޖެއް ނޫންކަމުން އަވަސްވެގަތީ ވުޟޫ ކުރުމަށްފަހު ނަމާދު ކުރާށެވެ. އެތައް އުނދަގުލަކާއެކުވެސް ނަމާދުކޮށް ނިންމާލެވުމުން ހިތަށްލިބެނީ ކިހާ މަތިވެރި އުފަލެއް ހެއްޔެވެ. ޒާރާ ގެ މޫނަށް ހިނިތުންވުން ވެރިވެގެން ދިޔައީ ފޯނަށް މެސެޖެއް އައިކަން އެނގުނީމައެވެ.
''ތޭންކްސް. ... އުންމީދުކުރަން 'ޒާ' އަހަންނަށް މާފު ކުރީކަމަށް..'' އާދިލްގެ މެސެޖް ކިޔާލެވުމާއެކު ހާއްސަ އުފަލެއް އިހްސާސް ކުރެވިގެންދިޔައީ ޒާރާގެ ނަން އާދިލް ބޭނުންކޮށްފައި ވާ ގޮތުން ހިތަށް ލިބިދިން ސިގުނަލެއްގެ ސަބަބުންނެވެ.
ޒާރާއަށް ޚިޔާލީ ދުނިޔެއިން ނިކުމެވުނީ ބައްޕަ ޒާރާއަށް ގޮވާލުމުންނެވެ. ޒާރާ ހޭލައިފިތޯ ބައްޕަ މިސްކިތައް ދަމުން ބަލާލީކަމަށް ބުނެ ހާމިދު ދިޔައީއެވެ.
ޒާރާ މޭމަތީގައި އޮތް ފޯނު ނަގާ އާދިލްގެ ފޮޓޯއަށް ބަލާލިއެވެ.
އާދިލް ޒާރާގެ ދަބަހަށް އޭނާގެ ފޯނުލީ ޒާރާ އާއި ގުޅުން ބަދަކުރުމުގެ ބޭނުމުގައެވެ. ޒާރާ ފޯނު ހަލާކުވެފައި އޮތުމުން އެކަން އެހެންކުރީ އާދިލްގެ ހިތުގައި ޖަހާލި ހާއްސަ ވިންދެއްގެ ސަބަބުން ޒާރާ ބީވެގެންދާން އާދިލް ނޭދޭތީއެވެ. މާލޭގެ އިތުރުން އާދިލްގެ އަމިއްލަ ރަށް ކަމުގައިވާ ދ.ކުޑަހުވަދުއާއި އިތުރު އެތައް ރަށެއްގައި އެކިފަހަރުމަތިން ހޭދަކުރެވުނު ދުވަސްތަކުގައިވެސް ޒާރާ ފަދަ މަޑުމޮޅި ސާދާ އަންހެން ކުއްޖަކާ އާދިލް އަށް ދިމާވެފައެއް ނެތެވެ.
ޒާރާ ފެނުނު ފުރަމަ ސިކުންތުގައިވެސް ޒާރާގެ ސޫރަ އާދިލްގެ ހިތުގައި ބިންވަޅު ނެގުނެވެ. ޒާރާގެ ނިޔަނެތި ކަމާ ލަދުވެތި ސިފައިގެ ސަބަބުން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އާދިލްގެ ހިތް ޒާރާ މިލްކު ކުރިއެވެ. އާދިލް ޒާރާއަށް ލޯބި ހުށައެޅުމުން އެ ލޯބި ޒާރާ ގަބޫލުކުރީ ހިތުގެ އެންމެ ފުނުންނެވެ.
ދެ ލޯބިވެރިން ދުވާލަކު އެތައް ވަގުތެއް އެކުގައި ހޭދަކުރިނަމަވެސް ''އިމުން'' ބޭރުވުމަކަށް ޒާރާ ފުރުސަތު ދީފައެއް ނުވެއެވެ. މިއީ އާދިލްގެ ހިތް ޒާރާގެ މައްޗަށް ދޫވެގެން ދިޔަ މައިގަނޑު ސަބަބެވެ. ލޯތްބަކީ އިތުބާރުގެ ވާފަށަކުން ބަދެވިފައިވާ އޯގާތެރި ކަމާ އަޅާލުމުގެ އިހްސާސެއްކަން ދެލޯބިވެރިން ވެސް ޤަބޫލު ކުރެއެވެ.
ޒާރާ އާއި އާދިލްގެ އުފާވެރި ލޯބީގެ ދުނިޔޭގައި އަށާރަ މަސްދުވަސް ހޭދަކުރުމަށްފަހު، ޒާރާގެ ކޯސް ނިންމާ ރަށަށް ބަދަލުވާން މަޖުބޫރުވިއެވެ. ފޮނަދޫއާ އެއްފަސްކޮށް އޮތް، ގަމު ރީޖަނަލް ހޮސްޕިޓަލުން ޒާރާގެ ވަޒީފާ ހަމަޖެހުމާ ގުޅިގެންނެވެ. އާދިލް ދޫކޮށް ރަށަށް ދާން ޖެހުނުނަމަވެސް އެ ދެލޯބިވެރިންގެ ހިތުގައި ޖަހަމުންދާ ތެދުވެރި ލޯބީގެ ވިންދަކަށް ހީނަރުކަމެއް ނާންނާނެއެވެ. އެ ދެލޯބިވެރިންގެ ލޯބީގެ ވާފަށުގައި ޖަހާލެވިފައިވަނީ އިތުބާރާ ޔަގީން ކަމުގެ ގޮށެކެވެ.
ފިނިފިނި ފަތިހަކަށް އަލިވިލެމުންދިޔަ ހިތްގައިމު ވަގުތެވެ. ޒާރާ އޭނާގެ ކޮޓރީގެ ކުޑަދޮރު ހުޅުވާލައިގެން ހުރިއިރު ފިނި ފިނި ވައިރޯޅިތައް ޒާރާގެ ފަން އިސްތަށިގަނޑާ ސަމާސަ ކުރަމުން ގެންދިޔައެވެ. އެ ދޮން މޫނުގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. ރޭގަނޑުގެ އަރާމު ނިދިން މަހުރޫމް ވެފައި ވުމާއި، ރުއިމުގެ ސަބަބުން އެ ރީތި ދެލޮލުގެ އުޖާލާކަން ފަޑުވެފައިވެއެވެ. ގޯތިތެރޭގައި ހެދިފައިވާ ރީތި ފިނިފެންމާ ގަސްތަކަށް ތިރިކޮށްލި ރީތި ކުޑަކުޑަ ދެކޮކާ ޒާރާގެ ލޮލުގައި އަޅައިގަތެވެ. ކޮކާ ތައް މިނިވަން ކަމާއެކު، އެކު އެކީގައި އުދުހެމުން މާތަކުން ފޮނިބޮމުން ދިޔައެވެ. ގަހުގައި ފަތް ތަކުގެ ނިވަލުގައި ފޮރުވިގެން އިން ބޮނޑެއްގެ އަތްދަށުގައި އެތަނުން އެއްކޮކާ ހައްޔަރުވިއެވެ. ބަލަބަލާ ހުއްޓާ ބޮނޑުގެ ޝިކާރަޔައަކަށް ކޮކާ ވެއްޖެއެވެ. އެކުގައި ދަތުރު ކުރަމުން ހިތް އުފާކުރަމުން ދިޔަ ދިއުން ނިމުމަކަށް އައީ އިތުރު އިންޒާރަކާ ނުލައެވެ.
''ދަރިފުޅާ ޒައިދު.....'' ޒާރާ ސިހިގެން ދިޔައީ މަންމަ ޒައިދު އަށް ގޮވާއަޑު އިވުމުންނެވެ. ދެދޮލުން ނީރާލާފައިވާ ކަރުނަ ތިކި އިނގިލި ކުރިން ފޮހެލިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް