ނުރައްކާތެރި ކޯވިޑް-19ގެ ކޭސްއެއް ފެނިފައިނުވާ ރަށްތައް އާންމު ހާލަތަކަށް ގެނެސް ހުޅުވާލަން ނިންމައިފި އެވެ.
މިކަން އިއުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ވަރަށް އަވަހަށް އެ ފަދަ ރަށްތައް ހުޅުވާލައި އާންމު ހާލަތަށް ގެންނާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އާންމު ހާލަތަކަށް ގެންނަ ރަށްރަށުގައި އެންމެ ފުރަތަމަ ހުއްދަދޭނީ ޖަމާއަތުގައި ނަމާދު ކުރުމާއި އާންމުން ބޭރަށް ނުކުމެ އުޅުމުގެ އިތުރުން ވިޔަފާރިތައް ކުރިއެކޭވެސް އެއްގޮތަށް އާންމު އުސޫލުން ހިންގާށެވެ. އަދި ދެވަނައަށް އަޅާ ފިޔަވަޅުތަކެއްގެ ގޮތުން ބަލި ނުފެންނަ ރަށްރަށުގެ ސްކޫލްތަކުގައި ކިޔަވައިދޭން ފަށައި، ސަރުކާރުގެ އޮފީސްތައް ހުޅުވައި ހިދުމަތްދޭން ފަށާނެ ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮޮތުން ރަށްރަށުގައި ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އެންގެވުމަކުން އޮތީ މަނާކޮށްފައި އެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކައުންސިލްތަކަށް ދީފައިވާ ބާރުތަރުގެ ދަށުން ހުރިހާ ރަށެއްގައި ހެން ކެފޭ/ ރެސްޓޯރެންޓުތައް ވަނީ ކައުންސިލްތަކުގެ އެންގުމަށް ބަންދުކޮށްފައި އެވެ. އެ ތަންތަނުން ދެނީ ޑެލިވަރީގެ ހިދުމަތް އެކަންޏެވެ.
ރައީސް ވިދާޅުވީ މިގޮތަށް ހާލަތު އޮވެއްޖެ ނަމަ މާލެ ސަރަހައްދުގެ ލޮކްޑައުންވެސް މިމަހުގެ28 ވަނަ ދުވަހު އުވާލާނެ ކަމަށެވެ. އަދި ފިޔަވަހިތަކަކަށް ބަހާލައިގެން އާންމުންނަށް ލުއި ދެމުންދާނެ ކަމަށެވެ.
އެންމެ ފުރަތަމަ ލުއި ދިނުމަށް ހަމަޖެހިފައިވަނީ މީހުން ބޭރަށް ނުކުމެ އުޅުމަށާއި ބާޒާރަށް ދިއުމަށެވެ. އޭގެ ފަހުގައި ޖަމާއަތުގައި ނަމާދު ކުރުމަށާއި ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމުގެ އިތުރުން ކެފޭ/ ރެސްޓޯރެންޓުތައް ހުޅުވައިގެން ހިދުމަތް ދިނުމުގެ ހުއްދަ ދޭނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ސަރުކާރު އޮފީސްތައް ހުޅުވައި އާންމުންނަށް އެއްވެވޭގޮތަށް ހުންނަ ތަންތަން ވެސް އަވަހަށް ހުޅުވިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ކޯވިޑް-19 ގެ ކޭސްއެއް ފެނި މާލެ ސަރަހައްދު ލޮކްޑައުން ކުރީ މިދިޔަ މަހުގެ15 ވަނަ ދުވަހު އެވެ. އަދި އަތޮޅު ތެރެއިން ބަލި ފެނުމާއި އެކު އޭޕްރިލް19 ވަނަ ދުވަހު ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް މީހުން އަރާ ބޭފުން މަނާކޮށްފައި އެވެ.
މިހާތަނަށް ރާއްޖެއިން1،186 މީހަކަށް ވައިރަސް ޖެހިފައިވެ އެވެ. އަތޮޅު ތެރެއިން ބަލި ފެނިފައިވަނީ ހއ. އުލިގަމާއި، ތަކަންދޫ، ށ. ނަރުދޫ އާއި މިލަންދޫ، ނ. މަނަދޫ އަދި ކ. ތުލުސްދޫއިންނެވެ.
މީގެ ތެރެއިން އުލިގަމުން ބަލި ޖެހުނު މީހާ އާއި މަނަދޫން ބަލި ޖެހުނު މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް