ނަޝީދާއި ފިޔަވަޅުތަކާއި ދެކޮޅަށް ވާހަކަދައްކާ މީހުންނަށް ރައީސްގެ ކުރު ރައްދެއް!

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް މާ ހަރުކަށިކަމަށް ބުނެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ބައެއް މެންބަރުން ދައްކަވަމުންދާ ވާހަކަތަކަށް ރައީސް އިބްރާހިމް މުހައ...

20 May 2020 | 20:29

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް މާ ހަރުކަށިކަމަށް ބުނެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ބައެއް މެންބަރުން ދައްކަވަމުންދާ ވާހަކަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރު ރައްދެއް ދެއްވައިފި އެވެ.

ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އަޅާފައިވާ ފިޔަވަޅުތަކާއި މެދު ހިތްހަމަ ނުޖެހޭ ބަޔަކު ތިބޭނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ދުރާލާ އަޅާފައިވާ ފިޔަވަޅުތަކަކީ އާންމު ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ރާއްޖެ މިވަރަށް ތައްޔާރު ނުވިނަމަ ފެންނާނީ ދުނިޔޭގެ އެހެން ގައުމުތަކުން ފެންނަމުންދާ ހިތްދަތި މަންޒަރު ކަމަށެވެ. އެ ގައުމުތަށް އެ ހާލަތަށް ދިޔައީ ވައިރަސް އާއި ގުޅިގެން ދުރާލާ ފިޔަވަޅުތައް ނޭޅުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ކޯވިޑް ނެތް ރަށްރަށް އާންމު ހާލަތަކަށް ގެނެސް، މާލޭގެ ލޮކްޑައުން އުވާލައި ކޮންމެސް ވަރެއްގެ ލުައިތަކެއް މާލޭގައި ދޭން ނިންމާފައިވާ ކަމަށެވެ. އެކަމަކު އޭގެ މާނައަކީ އާންމު ދިރިއުޅުމަށް މުޅިން ބަދަލުވުން ކަމުގައި ދެކިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

މި ލުއިތަކާ އެކު ފަރުވާ ކުޑަކޮށްފި ނަމަ ހާލަތު އިތުރަށް ގޯސްވެދާނެ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ އަލުން ލޮކްޑައުން އަކަށް ދާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ކޯވިޑާއި ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ސަރުކާރު ހިންގާ ޕާޓީގެ ރައީސްކަންވެސް ކުރައްވަމުން ގެންދާވާ ނަޝީދު ފާޑުވިދާޅުވާން ފެއްޓެވުމާއި އެކު މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުންވެސް ގެންދަވަނީ އެކަމަށް ތާއީދުކޮށް ފާޑު ވިދާޅުވަމުންނެވެ.

އެގޮތުން މީހުން ކަރަންޓީން ކުރުމާއި، ބޯޑަރު ބަންދު ކުރުމާއި، މާލެ މިހާ ގިނަ ދުވަހު ލޮކްޑައުންކޮށްފައި ބާއްވައިގެން އެއްވެސް ކަމެއް ހާސިލް ނުވާނެ ކަމަށް އެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި ރާއްޖޭގެ އިގްތިސޯދު މިގޮތަށް ހުއްޓުވާފައި ނުބޭއްވޭނެ ކަމަށް ނަޝީދާއި އެ މެންބަރުން ގެންދަނީ ވިދާޅުވަމުންނެވެ.

މިކަމާ ގުޅިގެން މީގެ ކުރިން ސަރުކާރުގެ ފަރާތުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ގައުމެއްގެ އިގްތިސޯދު ގުޅިފައިވަނީ ރައްޔިތުންނާއި ކަމަށެވެ. އެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ނެތް ތަނެއްގައި އިްގތިސޯދެއް ނޯންނާނެ ކަމަށް އޭނާ ތަކުރާރުކޮށް ގެންދަނީ ވިދާޅުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް